ނޭމާއަށް ފުރުސަތު ނުދީ ބްރެޒިލް ގައުމީ ސްކޮޑް އިއުލާނުކޮށްފި

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް އަލް ހިލާލްގެ ފޯވަޑް ނޭމާއަށް ފުރުސަތު ނުދީ ބްރެޒިލްގެ ގައުމީ ސްކޮޑް އެކުލަވާލައި އިއުލާނުކޮށްފިއެވެ. ...

02 Nov 2024 | 16:57

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް އަލް ހިލާލްގެ ފޯވަޑް ނޭމާއަށް ފުރުސަތު ނުދީ ބްރެޒިލްގެ ގައުމީ ސްކޮޑް އެކުލަވާލައި އިއުލާނުކޮށްފިއެވެ.

ރެއާލް މެޑްރިޑުގެ ވިންގް ވިނީޝިއުސް ޖޫނިއަރ އާއި ބާސެލޯނާގެ ވިންގް ރަފީނިއާ އާއެކު ބްރެޒިލްގެ ސްކޮޑު އިއުލާންކުރިއިރު، މި ފަހަރުވެސް ނޭމާއަށް ސްކޮޑުން ފުރުސަތު ނުދިން ސަބަބެއް ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ނޭމާ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު މިހާރުވަނީ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ. އެގޮތުން ނޭމާ ވަނީ ފާއިތުވެދިޔަ ހަފްތާގައި އަލް ހިލާލްއާއި އެކު އޭޝިއަން ޗެމްޕިއަންސް ލީގުގައި ކުޅެފައެވެ.

ބްރެޒިލް ސްކޮޑްގައި ނޭމާ ނުހިމެނު ނަމަވެސް، ނޭމާގެ ބަދަލު ސްކޮޑަށް ނަގާފައިވާ ބާސެލޯނާގެ ތަރި ރަފީނިއާ މިވަގުތު ހުރީ ރަނގަޅު ފޯމެއްގައި ކަމުން ނޭމާ ނެތްތަން ފޫބެއްދުމަށް ރަފީނިއާގެ ބޭނުން ރަނގަޅަށް ހިފޭނެކަމަށް ބެލެވެއެވެ. ރަފީނިއާއާއި އެކު ބްރެޒިލްގެ ސަބަބުން ބްރެޒިލްގެ އެޓޭކު ފެންނަނީ ވަރުގަދަކޮށެވެ. އެހެނީ ބާސެލޯނާއާއި އެކު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ރަފީނިއާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ނޭމާގެ އިތުރުން ރެއާލަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް، އެންޑްރިކް ވެސް ބްރެޒިލް ސްކޮޑުގައި ނުހިމެނެއެވެ.

ބްރެޒިލަށް ދެން އެންމެ އަވަހަށް އޮތީ މި މަހުގެ 15 ވަނަ ދުވަހު ރަށުން ބޭރުގައި ވެނެޒުއެލާއާ ބައްދަލުކުރަންޖެހޭ މެޗެވެ. އެއަށްފަހު، އޭގެ ފަސް ދުވަސްފަހުން އަމިއްލަ ދަނޑުގައި ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.

ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ބްރެޒިލް އޮތީ 16 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެންމެ ކުރީގައި އުޅޭ ވާދަވެރި އާޖެންޓީނާއާ އެ ޓީމާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް