ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ފޮތި އުފައްދާ ގައުމުކަމުގައިވާ ބަންގްލަދޭޝް އިން ފޮތި އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމުގައި އިންޑިއާގެ ބަނދަރުތައް ކުރިން ބޭނުންކުރަމުންދިޔަ ދިޔުން ދޫކޮށްލައި ރާއްޖޭގެ ބަނދަރުތައް ޚިޔާރުކުރަން ނިންމައިފިއެވެ.
އިންޑިއާގެ މިންޓް މީޑިއާގެ އެކްސްކްލޫސިވް ރިޕޯޓެއްގައިވާގޮތުން ބަންގްލަދޭޝް އިން މި ނިންމުން ނިންމި އެއް ސަބަބަކީ އިންޑިއާއާއި ބަންގްލަދޭޝްގެ ޚާރިޖީ ގުޅުން ރަނގަޅު ނުވުމެވެ.
އެ ރިޕޯޓަށް މައުލޫމާތުދެމުން އިންޑިއާގެ އެމްއެސްސީ އޭޖެންސީގެ މެނޭޖިންގ ޑިރެކްޓަރު ދީޕަކް ތިވާރި ބުނެފައިވަނީ ކުރިން ބަންގްލަދޭޝްގެ އެ އުފެއްދުންތައް އިންޑިއާގެ ބަނދަރުތައް މެދުވެރިކޮށް އެކްސްޕޯޓްކުރާ ކުރުން މިހާރު ބޮޑުތަނުން މަދުކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އިންޑިއާގެ ޕޯޓްތަކަށް ލިބޭ އާމްދަނީވެސް ބޮޑުތަނުން ދަށްވެގެންދާނެ ކަމަށެވެ.
އެ ރިޕޯޓްގައިވާގޮތުގައި H&M އަދި Zara ފަދަ ބޮޑެތި ކުންފުނިތަކަށް ފޮތި އެކްސްޕޯޓް ކުރުމަށް މިހާރު ބަންގްލަދޭޝް އިން ޚިޔާރު ކުރަނީ ރާއްޖޭގެ ބަނދަރެވެ.
ބަންގްލަދޭޝް އިން އެކްސްޕޯޓްކުރާ މުދަލުގެ 80 އިންސައްތަ ހިއްސާ ކުރަނީ ފޮއްޗެވެ. އަދި ފޮތީގެ ވިޔަފާރިއަކީ އެ ގައުމުގެ 13 އިންސައްތަ ހިއްސާކުރާ މާކެޓެކެވެ.
ބަންގްލަދޭޝް އިން މިފަދަ ނިންމުންތަކެއް ނިންމާފައިވާއިރު ރާއްޖެއިން މި މަހުގެ މާރިޗް މަހުގައި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ތައާރަފްކޮށްފައިވެއެވެ. އިންޑިއާގެ އެ ރިޕޯޓްގައިވާގޮތުގައި ބަންގްލަދޭޝް އިން މިހާރު ކަނޑުމަގުން ރާއްޖެއަށް ފޮނުވާ ފޮތީގެ ޝިޕްމަންޓްތައް ސީ-ޓު-އެއާރ ކާގޯ މެދުވެރިކޮށް ޖަރުމަނާއި ތުރުކީއަށް އެކްސްޕޯޓް ކުރަމުންގެންދެއެވެ. އަދި ޤަތަރު އެއާވޭސް، އެމިރޭޓްސް، ތުރްކިޝް އެއާލައިންސް، އެރޯލޮފްޓް، ގަލްފްއެއަރ، ނިއޯސް އެއާލައިންސް އަދި އެތިހާދް އެއާލައިންސް އަކީ މި ޓްރާންޝިޕްމަންޓް ނެޓްވޯކްގެ ބައިވެރިވާ އެއާލައިންތައްކަންވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް