ގއ. ގެމަނަފުށީ ނެރުކައިރިން ލޯންޗެއްގެ ބުރަފަތިން ޖެހި ހިނގި ހިތާމަވެރި ހާދިސާއެއްގައި މީހަކު ނިޔާވެއްޖެއެވެ.
ދުވަހަށް މައުލޫމާތުލިބިފައިވާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ގެމަނަފުށީ ނެރު ސަރަހައްދުގައި ބަޔަކު ފީނަން އުޅުނު ވަގުތެއްގައި އެ ސަރަހައްދުގެ ރިސޯޓެއްގެ ލޯންޗެއް ގެމަނަފުއްޓަށް ވަންނަން އައިވަގުތު މޫދުގައި އޮތް މީހާގެ ގައިގައި ބުރަފަތިން ޖެހިގެންނެވެ.
"ކަނާތްފަރާތުން ބަނޑު ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް ބެލެވޭ، ފަލަސްމަސްގަނޑުވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި އޮތީ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުންޏެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އެމީހާގެ ހަށިގަނޑު މިހާރު އޮތީ ގެމަނަފުށީ ސިއްހީ މަރުކަޒުގައެވެ. ފުލުހުން އަންނަންދެން ހަށިގަނޑު އޮތީ ބާއްވާފައެވެ.
"ހަތަރު މީހަކު އައީ ކަނޑުހުޅުދޫން ޑިންގީއެއްގަ، އެއްބަޔަކު ބާލާފަ އަނެއްބަޔަކު ރަށުތެރެއަށް އެރީ ވިޔަފާރިކޮށްލަން، އެކްސިޑެންޓް ވި ހަބަރު ލިބިގެން އެ ޑިންގީ ގޮސް އެމީހާގެ ހަށިގަނޑު ނެގީ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުންޏެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވީ ކަނޑުހުޅުދޫ މީހަކާ އިނދެގެން އުޅޭ ހޯނޑެއްދުއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން ދެންމެ ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގަ ލޯންޗުކަން ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް