ދިވެހީންގެ ނަމުގައި އައިއޭސީން އަލް އަޤްޞާ ހޮސްޕިޓަލަށް 20 ހާސް ލީޓަރު ތެޔޮ ހަދިޔާކޮށްފި

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އިން ދިވެހީންގެ ނަމުގައި ޣައްޒާގެ އަލް އަޤްޞާ މާޓިޔާރސް ހޮސްޕިޓަލަށް 20 ހާސް ލީޓަރު ތެޔޮ ހަދިޔާކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ކޮމިއުނިކޭޝަން ...

02 Nov 2023 | 14:55

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އިން ދިވެހީންގެ ނަމުގައި ޣައްޒާގެ އަލް އަޤްޞާ މާޓިޔާރސް ހޮސްޕިޓަލަށް 20 ހާސް ލީޓަރު ތެޔޮ ހަދިޔާކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މުޙަންމަދު އަލް ޙާޖް ބުނެފައިވަނީ ދިވެހިންނަށާއި އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާކަމަށެވެ.

"އެއީ ޣައްޒާގެ އުތުރުގައި އިޒްރޭލުން ޢުދްވާން ހިންގަމުންދާއިރު އަޤްޞާ ހޮސްޕިޓަލުގައި ހުރި ޖަނަރޭޓަރުތައް ހިންގާ ހޮސްޕިޓަލަށް ކަރަންޓުލިބި ސިއްޙީ ހިދުމަތްތައް ދޭންފެށުމަށްޓަކައި އެބޭފުޅުން މި ހޮސްޕިޓަލް އަށް 20 ހާސް ލީޓަރު ތެޔޮ ހޯދާ ފޯރުކޮށްދެއްވީތީ" އޭނާ ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އޭއައިސީން ބުނެފައިވަނީ ޔަހޫދީންގެ އަނިޔާތައް ކިތަންމެވަރަކަށް ދިންނަމަވެސް އޭއައިސީން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާނުލާނެ ކަމަށާއި ބޮން އަޅާތީ ބިރުން ޣައްޒާގެ ރައްޔިތުނަށް ދެވެން ހުރި އެހީއެއް ނުދީ ނުތިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން، އެންމެހާ ދިވެހީން މިތިބީ ފަލަސްޠީނާއެކުކަން، ޣައްޒާއާއި އެކުކަން އަޅުގަނޑުމެން މިދަނީ މުޅި ދުނިޔެއަށް ހާމަކޮށްދެމުން. ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭއައިސީން ބުނެފައިވެއެވެ.

އޭއައިސީން އެ ހޮސްޕިޓަލަށް 20 ހާސް ލީޓަރުގެ ތެޔޮ މިއަދު ހަދިޔާކޮށްފައިވާއިރު ޣައްޒާއަށް މިވަގުތަށް އެންމެ މުހިންމު އެކައްޗަކީ ތެޔޮކަމަށް އިންސާނީ އެހީދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކާއި ޣައްޒާގެ ސަރުކާރުންވެސް އަންނަނީ ބުނަމުންނެވެ.

ރަފަހަ ބޯޑަރު ހުރަސްކޮށް މިހާތަނަށް ކޮންމެވެސް ވަރަކަށް އެހީގެ ގާފިލާތައް ވަނުމަށް ފުރުސަތު ދީފައިވީނަމަވެސް އެއިން އެއްވެސް ގާފިލާއެއްގައި ތެޔޮ ވެއްދުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް