ހަސީނާ، ހުމޭދާ އަތްދަނޑިމައްޗަށް ނަގައިގެން ބާރުބާރަށް ހިނގާފައިގޮސް ގޭތެރެއަށް ވަނެވެ. އޭރު ގޭތެރޭގައި ހުރި ހަސީނާ ދައްތަ އާބިދާވެސް ހުމޭދާ ރޯ އަޑަށް ގިފިއްޔާ ދިމާއަށް އަންނަނީ އެވެ.
"ހުމޭދާއަށް ކިހިނެތްވީ....؟" ހާސްވެފައިހުރެ އާބިދާ އަހާލިއެވެ.
"ނޭނގެ އަނބުރާގަތީ ކަންނޭގެ.... ފެންފޮދެއް ހިފައިގެން އާދެބަލަ...." ހަސީނާވެސް ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.
"ހެލްތް ސެންޓަރަށް ގެންދަންވީނު.... " އާބިދާ ފެންތަށި ބަލާ ދަމުން ބުނެލިއެވެ.
ހަސީނާ، ހުމޭދާ ގޮވައިގެންގޮސް ގޭތެރޭގައިހުރި ބޮޑުއަށީމަތީގައި ހުމޭދާ ބޭއްވިއެވެ. އަދި އާބިދާ ފެންތަށި ގެނެސް ދިނުމުން މޫނުގައާއި ބޮލުގައާއި ދެއަތްތިލާގައި ފެންއުނގުޅަމުން ހުމޭދާއަށް ގޮވަމުން ގެންދިޔައެވެ. ހުމޭދާ މަޑުމަޑުން ލޯހުޅުވާލިއެވެ.
"ދަރިފުޅާ.... ކިހިނެތްވީ.....؟ އެނބުރުން އެރީތަ...؟ މާބޮޑަށް ބަޑުހައިވީތަ...؟ ހަސީނާ އެއްފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ.
"ނޫން މަންމާ.... ނޫން.... ބިރުގަންނަނީ.... " ހުމޭދާ މަޑުމަޑުން ތެދުވެ ހަސީނާ ގައިގައި އޮޅުލައިގަންނަމުން ރޯން ފެށިއެވެ.
"ކިހިނެތްވީ ދަރިފުޅާ.... ވީގޮތެއް މަންމައަށް ކިޔާދީބަލަ....!" ހަސީނާ ހުމޭދާގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
ހުމޭދާ ގިފިލީގައި ދިމާވި ކަންތައް ބިރުން ތުރުތުރު އަޅަމުންއިދެ ހުމޭދާގެ މަންމަ އަށް ކިޔާދިނެވެ. ހަސީނާ ވަރަށްބޮޑަށް ހާސްވެއްޖެއެވެ. އިރުކޮޅަކުން އަނެއްކާވެސް ހުމޭދާ ރޯން ފަށައިފިއެވެ.
"މަންމާ.... ބޮލަށް ތަދުވަނީ..... ވަރަށްބޮޑަށް ތަދުވޭ.... " ދެއަތުން ބޮލުގައި ހިފަހައްޓައިގެން ރޮމުން ރޮމުން ހުމޭދާ ބުނެލިއެވެ.
ހަސީނާ ހުމޭދާގެ ބޯ މޮޑެދޭން ފެށިއެވެ. އެހެން ނަމަވެސް ހުމޭދާއަށް ބޮލުގެ ރިހުމަކަށް އެއްވެސް ވަރަކަށް ލުއިކަމެއް ލިބޭ ހެނެއް ހީއެއް ނުވެއެވެ.
"ދައްތާ... ދައްތަބޭ ކޮބައިތަ.... ؟ މުދިންބެއަށް އަންގާލަދޭން ބުނެބަލަ....." ހަސީނާ ބޭނުންވީ މުދިންބެ ލައްވާ ކޮންމެވެސް ކަމެއް ކޮށްލާށެވެ.
"ނަމާދަށް ގޮސްވީ.... އަންނާނަން މިސްކިތް ދޮށަށްގޮއްސަ.... " އާބިދާ ބޭރަށް ނުކުންނަމުން ބުނެލިއެވެ.
އާބިދާ ގެއަށްއައީ މުދިންބެއާއި އޭނާގެ ފިރިމީހާއާއެކުގައެވެ. ގިފިލީގައި ހިނގި ހާދިސާ، ހަސީނާ މުދިންބެއަށް ކިޔައިދިނުމާއެކު މުދިންބެ ފެންކޮޅެއް ކިޔެވުމަށްފަހު ހުމޭދާގެ ދެފައިގެ ދައްފުށުގައާއި، ދެ އަތްފިލާގައާއި އަދި ބޮލުގައި އުނގުލާލުމަށްފަހު، ބޮލުގެ ރިހުން މަޑުމަޑުން ރަނގަޅު ވަމުންދާނެ ކަމަށް ބުނެލިއެވެ. އަދި ގެއަށްގޮސް އެކަން އިތުރަށް ބެލުމަށްފަހު ޚަބަރެއްވާނެ ކަމަށް މުދިންބެ ބުނެލިއެވެ.
ހުމޭދާއަށް ކޮންމެވެސް ވަރަކަށް ލުޔެއް ލިބުމާއެކު ހަސީނާ ދިޔައީ ހުމޭދާ ގޮވައިގެން ބަދިގެއަށެވެ. ބަދިގެއަށް ގޮސް ހުމޭދާއަށް ކާންދީގެން ނިންދަވަން ބޭއްވިއެވެ. ނިދެންދެން ހުމޭދާ ގާތުގައި ޙަސީނާ އިނެވެ.
ދަންވަރުގެ ވަގުތެވެ. ހުމޭދާ އޮތީ ނިދާފައެވެ. ކޮޓަރި ތެރޭގައި ޖެހިގެން ހުރި އެދުގައި ހަސީނާ ނިދާފާއި އޮތެވެ. ދަންވަރުގެ އެވަގުތަކީ ހަމަހިމޭން ވަގުތެކެވެ. މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ކޮޓަރީގައި އެލުވާލާފައިހުރި ކުޑަކުޑަ ނިދާބޮކި މަޑުމަޑުން ހޫރިލީ ކޮޓަރިއަށް ވަތްން ވައިރޯޅިއެއްގެ ސަބަބުންނެވެ. ގިފިލި ތެރޭގައި ހުރި ބޮޑު ބަނބުކެޔޮގަހުން ގޭގެ ފުރާޅުމައްޗަށް ފައިބާފައިހުރި ފަތްތައް ވަޔާއެކު ފުރާޅުމަތިން ކެހިގެން ދިޔަ އަޑު އިވިގެން ދިޔައެވެ. އެހެން ނަމަވެސް އެ ބޮޑު ގޯތިތެރޭގައިހުރި ގަސްތަކަށް ވައިގެ އެއްވެސް އަސަރެއް ނުކުރެއެވެ.
"ހުމޭދާ....!" ކުޑަ ފިރިހެން ކުއްޖަކު ވައިއަޑުން ގޮވާލި އަޑު އިވުނެވެ.
ފުރަތަމަ ގޮވާލި އަޑަށް ހުމޭދާގެ ދެލޯ ހުޅުވުނެވެ. ހުމޭދާއަށް ހޭލެވުނީ އެ އަޑަށެވެ. ހުމޭދާ އުޑުތިލަމަތިން އޮތް އިރު އެލުވާފައިހުރި ބޮކި ޖެހޭ ވައިގެ ސަބަބުން ކޮންމެވެސް ވަރަކަށް ތެޅެމުންދިޔައެވެ. ހުމޭދާ އޮތީ ބޮތްކާއި ދިމާއަށް ބަލަހައްޓައި ގެންނެވެ.
"ހުމޭދާ..... !" އަނެއްކާވެސް އެ އަޑު އިވިގެން ދިޔައެވެ.
ހުމޭދާއަށް މަޑުމަޑުން އެދުން ތެދުވެވުނީ އެއްވެސް އިޚްތިޔާރެއްގައެއް ނޫނެވެ. އެދުން ތެދުވެގެން ޗާބީ ދީފައިވާ ބުދެއްހެންހުރެ މަޑުމަޑުން ހިނގައިގަތީ ކޮޓަރީން ބޭރަށެވެ. ހަސީނާ އޮތީ ނިދާފައެވެ. ހުމޭދާ މަޑުމަޑުން ހިނގާފައި ކޮޓަރީގެ ދޮރާ އަރާހަމަވުމުން އެދޮރު ހުޅުވުނީ އަމިއްލައަށެވެ. ހުމޭދާ ހުރިގޮތަށް ހިނގަމުންގޮސް ގޭގެ މައިދޮރާއި އަރާ ހަމަވުމުން އެދޮރުވެސް ހުޅުވުނީ އަމިއްލައަށެވެ. މަޑުމަޑުން ހަރަކާތްކުރާ ބުދެއް ހިނގަމުންދާގޮތަށް ކުރިމައްޗަށް ބަލަންހުރެ ހުމޭދާ ގޯތިތެރެއަށް ނިކުމެއްޖެއެވެ. ވަމުންދާގޮތެއް އެއްވެސް ވަރަކަށް ހުމޭދާއަށް އިޙްސާސް ނުވާކަހަލައެވެ. ގޯތިތެރެއަށް ނުކުމެގެން ހިނގަމުންގޮސް ހުމޭދާ ހުއްޓުނީ ގޯތީގެ އެއްފަރާތުގައިހުރި ބޮޑު ނިކަގަސް ކައިރިއަށެވެ. އެވަގުތު ނިކަގަހުގެ އަނެއް ފަރާތުގައި ކުޑަ ކަޅު ފިރިހެން ކުއްޖަކު ހުއްޓެވެ. އެއީ ހުމޭދާއަށް ގިފިލިން ފެނުނު ކުއްޖާއެވެ. އެފިރިހެން ކުއްޖާ ހިނގާފައި އައިސް ހުމޭދާގެ އަތުގައި ހިފާލިއެވެ.
ފަތިސްނަމާދު ބަންގިއަށް ގަޑި ސޯނާކޮށްގެން ނިދާފައިއޮތް ހަސީނާއަށް ހޭލެވުނީ ގަޑި ސޯނާވި އަޑަށެވެ. ހަސީނާ ތެދުވެގެން ގިފިއްޔަށްގޮސް ވުޟޫކޮށްލައިގެން އައިސް ކޮޓަރިއަށް ވަންއިރު ހުމޭދާ އެނދުގައި ނެތްތައް ފެނުމުން ހަސީނާ ދިޔައީ ސިހިގެންނެވެ. ވަރަށް ބާރަށް ހުމޭދާއަށް ގޮވާލިއެވެ. އަދި ހުމޭދާއަށް ގޮވަމުން ގޮވަމުން ކޮޓަރިން ނިކުތްއިރު ހަސީނާގެ ދައްތަ އާބިދާ އާއި ދައްތަ ފިރިމީހާވެސް ބޭރަށް ނުކުމެއްޖެއެވެ.
"ހުމޭދާއެއް ނެތް.... ހުމޭދާއެއް ނެތޭ...." ހަސީނާ ގޯތިތެރެއަށް ނުކުންނަމުން ބުނެލިއެވެ.
އެންމެން އެކީ ގޯތިތެރެއަށް ނުކުމެ ހުމޭދާއަށް ގޮވަމުން ހުމޭދާ ހޯދަން ފަށައިފިއެވެ. ކުއްލިއަކަށް އާބިދާއަށް ފެނުނީ ހުމޭދާ ނިކަގަސް ކައިރީ ބިންމަތީގައި އޮއްވައެވެ.
"މިއޮތީ މިތާ.... ވެއްޓިފައި...." އާބިދާ ގޮވާލިއެވެ.
ހަސީނާ އެދިމާއަށް ދުއްވައިގަތެވެ.
"މާގޭ ދަރިފުޅު.... " ހަސީނާ، ބިންމަތީގައި އިށީނދެ ހުމޭދާގެ ބޯކޮޅު ނަގާ އުނގުގާ ބާއްވާލަމުން ބުނެލިއެވެ.
އެވަގުތު ހުމޭދާ މަޑުމަޑުން ލޯހުޅުވާލިއެވެ.
"މަންމާ.... ކިހިނެތްވީ.... މިތާގައި މިތިބީ ކީއްވެ...." ހުމޭދާ އެކިދިމަދިމާއަށް ބަލައިލަމުން ބުނެލިއެވެ.
"ދަރިފުޅު ކީއްވެ ބޭރަށް ނުކުތީ ... ތެދުވޭ އަވަހަށް... ހިނގާ ގޭތެރެއަށް..... " ހަސީނާ ހުމޭދާ ގޮވައިގެން ގޭތެރެއަށް ދާން ހިނގައިގަންނަމުން ބުނެލިއެވެ.
މިކަމާބެހޭ ގޮތުން އެވަގުތު ހުމޭދާއާއި އިތުރަށް ވާހަކަ ދައްކާކަށް ހަސީނާ ބޭނުމެއްނުވިއެވެ. ހަސީނާ ގަސްތުކުރީ މުދިންބެ ކައިރިއަށްގޮސް ކަންތައްވީގޮތް ކިޔާދޭށެވެ. ހެދުނުގެ ސައިގެ ކަންކަން ނިންމާލުމަށްފަހު ހަސީނާ ދިޔައީ މުދިންބެ ގެއަށެވެ. އަދި ރޭގައި ކަންހިނގައި ދިޔަ ގޮތުގެ ވާހަކަ މުދިންބެއަށް ކިޔައިދީނެވެ.
"އަސްތަޣުފިރުﷲ..... މުދިންބެ ހީކުރިވަރަށްވުރެވެސް ކަންތައް ގޯސްވެފަ ތިއޮތީ...." ޝަހާދަތް އިނގިލި ނޭފަތުގައި ޖައްސާލަމުން މުދިންބެ ބުނެލިއެވެ. 05
ނުނިމޭ.... ވާހަކައިގެ އާބައެއް، 05 ނޮވެމްބަރު، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް