ޣައްޒާ ހާލަތު: 27 ވަނަ ދުވަސް – އަދާހަމަތައް

ނިމިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއާއެކު އިޒްރޭލުން ހަމާސްއާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނަތާ މިއަދަށް 27...

02 Nov 2023 | 01:44

ނިމިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއާއެކު އިޒްރޭލުން ހަމާސްއާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނަތާ މިއަދަށް 27 ދުވަސް ފުރޭނެއެވެ.

އިޒްރޭލުގެ ރަހުމްކުޑަ މި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވެފައިވާ މީހުންގެ އަދަދު މިހާރުވަނީ 8،720 އަށް އަރާފައެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދު އުޅެނީ 22 ހާހުން މަތީގައެވެ.


ދުވަހުގެ މި ލިޔުމުގައި މި ބަލައިލަނީ އިޒްރޭލު-ފަލަސްތީނު މަސްރަހުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިނގާފައިވާ މުހިންމު ކަންކަމަށެވެ.

ޖަބަލިއާއަށް ދެ ހަމަލާ – މަރުވި އަދަދު 200 އިން މަތީގައި،  ޒަޚަމްވި އަދަދު 700 އިން މަތީގައި، ގެއްލިފައިވާ މީހުންގެ އަދަދު 100 އިން މަތީގައި

ކުރީ ދުވަހު ހަވީރު ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ގިނަ ގައުމުތަކަކުން ކުށްވެރި ކުރި، އޭގެތެރޭގައި ރާއްޖެވެސް ހިމެނެއެވެ.

އިއްޔެވެސް ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދަށް އިތުރު ހަމަލާތަކެއް ދިން، ވައިގެ މަގުން ދިން އެ ހަމަލާތަކުގައި އަށް މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ. އެ ހަމަލާވެސް ދިނީ އާންމު ރައްޔިތުން ދިރިއުޅެމުންދިޔަ ގެއަކަށެވެ. ޖަބަލިއާއަށް ދިން ދެ ހަމަލާގައި މަރުވި އަދަދު 200 އަށް އަރައެވެ. ޒަޚަމްވި އަދަދު އުޅެނީ 700 އިން މަތީގައެވެ. ގާކުނޑިތަކުގެ ދަށުގައި ގެއްލިފައިވާކަމަށް ބެލެވޭ އަދަދު 100 އަށް އަރައެވެ.

އުރުދުންގެ ރަސްގެފާނުގެ ރޯލު

އިޒްރޭލުން ބޭނުންވިނަމަވެސް ޣައްޒާގެ ރައްޔިތުން ގަދަކަމުން ޣައްޒާއިން ބޭލުމަށް ފުރުސަތު ނުދޭނެކަމަށް އުރުދުންގެ ރަސްގެފާނަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔަޤީންކަން ދިންކަމަށް އެމެރިކާއިން ހާމަކުރިއެވެ. އުރުދުން އިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު އަނބުރާ ގައުމަށް އައުމަށްވެސް އުރުދުންގެ ރަސްގެފާނު ރޭގައި އެންގިއެވެ. މިކަން މި މަގުން ހިނގާފައިވާއިރު ޗިލީއިންވެސް ހަމަ އެ މޭރުމުން އަމަލުކޮށްފައިވާއިރު ބޮލީވިއާއިން އިޒްރޭލާ ހާރިޖީ ގުޅުން ކަނޑާލިކަން އިއުލާނުކޮށްފައިވެއެވެ. އަދި އިޒްރޭލާއި ގުޅުންކަނޑާލަން ޖެހިދާނެކަމަށް ކޮލަމްބިއާއިންވެސް އިއުލާނުކުރިއެވެ.

މުޅި ޣައްޒާއިން މުވާސަލާތީ ހިދުމަތްތައް ކެނޑުނު

މުޅި ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް އެއްކޮށް ކެނޑިފައިވާކަމަށް ޕަލްޓެލް ކުންފުނިން އިއުލާނުކުރި، އެހެންނަމަވެސް އިންޓަނެޓް ހިދުމަތް އަދި މޯބައިލް ނެޓްވޯކްތައް ކޮންމެވެސް ވަރަކަށް މަސައްކަތްކުރާކަމަށް ފަލަސްތީނުގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމުގައިވާ ޖައްވާލް އިން ފަހުން ހާމަކުރިއެވެ.

ޣައްޒާގައި މުވާސަލާތީ ހިދުމަތް ކެނޑެމުން އަންނައިރު މިސްރުން މިކަމަށް ހައްލެއް ހޯދައިދީ މޯބައިލް ރޯމިން އެކްޓިވޭޓް ކޮށްދިނުމަށް ފަލަސްތީނުގެ ކޮމިއުނިކޭޝަން މިނިސްޓަރު މިސްރުގެ ކިބައިން އިއްޔެ އެދުނެވެ.

ފުރަތަމަ ފަހަރަށް ރަފާ ބޯޑަރު ހުޅުވާލި

ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް ރަފާ ބޯޑަރު އިއްޔެ ހުޅުވާލިއެވެ. ފުރުސަތު ދިނީ ޣައްޒާއަށް ނިސްބަތްވާ ހާލު ދެރަ 81 މީހަކު މިސްރުގެ ހޮސްޕިޓަލުތަކަށް ގެންދިއުމަށާއި 500އެއްހާ ބިދޭސީން ބޯޑަރު ހުރަސްކޮށް މިސްރަށް ދިއުމަށެވެ.

އެ 500 މީހުންނަނީ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނާއި ފަލަސްތީނުގެ ޑުއަލް ޕާސްޕޯޓް އޮންނަ މީހުންނެވެ. މިއަދުވެސް ބިދޭސީންނަށް ރަފާ ބޯޑަރު ހުޅުވާލާނެ ކަން އިއުލާނުކޮށްފައިވެއެވެ.

އީރާނުގެ ދައުރު

މުސްލިމު ގައުމުތަކުން އިޒްރޭލަށް މުދާ އެކްސްޕޯޓް ކުރުން ހުއްޓާލުމަށް އީރާނުގެ ސުޕްރީމް ލީޑަރު އަލީ ހޮސެއިނީ އިއްޔެ ގޮވާލާފައިވާއިރު އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ހުއްޓާނުލާނަމަ ނަތީޖާ ހިތިވާނެކަމުގެ އިންޒާރު އިއްޔެވެސް އީރާނުން ތަކުރާރު ކުރިއެވެ.

"ހަނގުރާމަ މެދުކަނޑާލަން އިޒްރޭލާއި އެމެރިކާއިން އެއްބަސްނުވާނަމަ ނަތީޖާ ހިތިވެދާނެ" އީރާނުގެ ޚާރޖީ ވަޒީރުގެ ދެވަނަ އިންޒާރުގައި ބުނެފައިވެއެވެ.

އަސީރުންގެ މަރާއި ހަމަލާތަކުގެ އަދަދަދާއި އިޒްރޭލު ސިފައިންގެ މަރުގެ އަދަދު

ހަމާސް އިން އަސީރުންގެ ގޮތުގައި ގެންގޮސްފައިތިބި މީހުންގެ ތެރެއިން 50 އަށްވުރެ ގިނަ މީހުން އިޒްރޭލު ހަމަލާތަކުގައި މިހާރު މަރުވެފައިވާކަމަށާއި އަސީރުންގެ ފުރާނައަށްވެސް އިޒްރޭލުން ނުބަލާ ކަމުގައި ހަމާސް އިން ރޭގައި ބުންޏެވެ.

ފާއިތުވި ތިން ހަފްތާގެ ތެރޭގައި ޣައްޒާއަށް މިހާތަނަށް 11 ހާސް ހަމަލާ ދީފައިވާކަމަށް އިޒްރޭލުން ހާމަކުރި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކުރިމަތިލުންތަކުގައި އިޒްރޭލު ސިފައިން މަރުވި އަދަދު 16 އަށް އެރާފައިވާކަންވެސް އިޒްރޭލުން ހާމަކުރިއެވެ.

އިންސާނީ އެހީއާއި ތެލުގެ ދަތިކަން

އިއްޔެ އިންސާނީ އެހީގެ 55 ލޮރީ ޣައްޒާއަށް ވަނުމަށް ފުރުސަތު ދީފައިވާއިރު އެ ލޮރީތަކުގައި ހުރީ ފެނާއި ކާބޯތަކެއްޗާއި ބޭހާއި ސިއްހީ ހިދުމަތް ބޭނުންވާ ސާމާނެވެ. ތެޔޮ ވެއްދުމަށް އަދިވެސް ފުރުސަތު ދީފައެއް ނުވެއެވެ.

އަލް-ޝިފާ ހޮސްޕިޓަލާއި އިންޑޮނޭޝިއަން ހޮސްޕިޓަލްސް ގައި މިހާރު ހުރީ މަދު ގަޑިއިރުތަކަކަށް ވާހާ ތެޔޮ ކަމަށް އެ ހޮސްޕިޓަލުތަކުން ރޭގައި ހާމަކުރިއެވެ.  އެހީގެ ލޮރީތަކަށް ކޮންމެވެސް ވަރެއްގެ ފުރުސަތުތަކެއް ދިން ނަމަވެސް ތެޔޮ ވެއްދުމަށް އަދިވެސް ހުއްދަ ދީފައިނުވާއިރު ޣައްޒާގައި ހުރި ހަމަ އެކަނި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލު ކަމުގައިވާ ތުރްކިޝް ފްރެންޑްޝިޕް ހޮސްޕިޓަލުން ތެޔޮ ހުސްވެ އޮޕަރޭޝަންތައް ހުއްޓާލިކަން ރޭގައި އިއުލާނުކުރިއެވެ. މީގެ އިތުރުން ތެޔޮ ހުސްވަމުންދާތީ ރެޑް ކްރެސެންޓުން އޮޕަރޭޓް ކުރަމުންދިޔަ އެމްބިއުލާންސްގެ އަދަދު މިވަގުތަށް ދެގުނަ މަދުކޮށްފައިވާކަމަށް ރެޑް ކްރެސެންޓުން ރޭގައި ބުންޏެވެ.

އަދި ހަމަ އެހެންމެ މި އަދާހަމަތައް ލިޔަމުންދާ މި ވަގުތު، އިންޑޮނޭސިއަން ހޮސްޕިޓަލުގެ މެއިން އިންޖީނު ހުއްޓުނުކަން އިއުލާނުކުރިއެވެ. މިހާރު ހިދުމަތްދެނީ ބެކަޕް ޖެނެރޭޓަރަކުން ކަމާއި މާނައަކީ ހޮސްޕިޓަލުގެ އޮކްސިޖަން ސްޓޭޝަން ހުއްޓިފައިވާކަމާއި ވެންޓިލޭޝަނާއި އެއާކަންޑިޝަނިން ހުއްޓިފައިވާކަން އަދި މޯޗަރީވެސް ހުއްޓިފައިވާކަން އެ ހޮސްޕިޓަލުން ދެންމެ އިއުލާނުކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް