އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރުން ކުށްވެރިކޮށް، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢުއެއްގައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާއި އަދި ގަވާޢިދުތަކާއި ޚިލާފަށް އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރި މައްސަލަ ބެއްލެވުމަށް ފުލުހުންނަށް ހުށަހަޅައިފި އެ...

02 Nov 2022 | 16:18

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢުއެއްގައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާއި އަދި ގަވާޢިދުތަކާއި ޚިލާފަށް އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރި މައްސަލަ ބެއްލެވުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މި މައްސަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނީ މި މައްސަލަ އެންމެ ހަރުކަށި އިބާރާތުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ކުށްވެރި ކުރައްވާ ކަމަށެވެ.

އެ މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖޭގެ ރަށެއްގައި އެހެންދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސްކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެކެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ޤައުމިއްޔަތެއް ޙިއްސާކުރާ ބަޔަކަށް ވުމާއިއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ސުލްޙަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމަށްވާތީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ މި ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދުގެ 9ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެއް ކަމަށެވެ.

ރާއްޖޭގައި ތަފާތު މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާތީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އެފަރާތްތައް އަހުލުވެރިކުރުވުމަށް ކަމާގުޅުންހުރި ފަރާތްތަކަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

މި މައްސަލަ އަކީ އިއްޔެގައި އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ހިންދޫ ދީނުގެ އަޅުކަމަކުން މަސައްކަތް ފެށި މައްސަލަ އެވެ. އެ އީ އިންޑިއާގެ އެފްކޮން ކުންފުންޏެވެ.

މި މައްސަލައިގަ ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް