ޕާކިސްތާނުގެ ޖަލުތަކުގައި ގާތްގަނޑަކަށް 25 ޕަސެންޓް ގައިދީން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި

ޕާކިސްތާނުގެ ލާހޯރު އަދި ރާވަލްޕިންޑީ ޖަލުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގައިދީންގެ 25 ޕަސެންޓަށް ވުރެ ގިނަ ކަމުގައި ނޭޝަނަލް ކޮމިޝަން އޮފް ހިއުމަން ރައިޓްސް (އެންސީއެޗްއާރް) އިން ނެރުނު ރި...

02 Nov 2022 | 16:07

ޕާކިސްތާނުގެ ލާހޯރު އަދި ރާވަލްޕިންޑީ ޖަލުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގައިދީންގެ 25 ޕަސެންޓަށް ވުރެ ގިނަ ކަމުގައި ނޭޝަނަލް ކޮމިޝަން އޮފް ހިއުމަން ރައިޓްސް (އެންސީއެޗްއާރް) އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

"ޑޯން" ނޫހުން ބުނި ގޮތުގައި ރާވަލްޕިންޑީގެ އަޑިއާލާ ޖަލާއި ލާހޯރުގެ ޑިސްޓްރިކްޓް ޖަލަކީ ގައިދީންގެ މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކުރާ ދެ ޖަލެވެ.

އެގޮތުން ޑިސްޓްރިކްޓް ޖަލުގައި ތިބި 3800 ގައިދީންގެ ތެރެއިން ގާތްގަނޑަކަށް 900 ގައިދީންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ކަން އެ ކޮމިޝަނުން ކުރި އިންސްޕެކްޝަނުން އެނގުނު އިރު، އަޑިއާލާ ޖަލުގައި އެ އަދަދު އުޅެނީ ގާތްގަނޑަކަށް 1،404 ގައި ކަމަށް ރިޕޯޓުގައި ވެ އެވެ.

ރާވަލްޕިންޑީގެ އަޑިއާލާ ޖަލުގައި ތިބި ގައިދީން ގައިގައި ތަޅައި، އެކަހެރިކޮށް ބަންދުކުރުމާއި އެހެނިހެން ބާވަތްތަކުގެ އަނިޔާތައް ލިބެމުންދާ އިރު، ބައެއް ގައިދީންގެ ގައިގައި ލެދަރ ސްޓްރެޕްސް އިން އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

މަރުގެ މައްސަލަތަކާއި ގައިދީންނާއި ޖަލުގެ މުވައްޒަފުންގެ ފަރާތުން އަނިޔާ އާއި ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ މައްސަލަތަކުގެ ތެރެއިން ހަރުދަނާ ތަހުގީގެއް ކުރެވިފައި ނުވާ އިރު މާލީ ގޮތުން ތަނަވަސް ގައިދީން ގޮޅިތެރޭގައި ރަނގަޅު ހާލަތުގައި ދިރިއުޅެން ފައިސާ ދައްކާފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަޑިއާލާ ޖަލުގައި 2،174 ގައިދީން ބައިތިއްބާއިރު، މިހާރު އެތަނުގައި 6،098 ގައިދީން ބައިތިއްބާފައި ވެ އެވެ.

އެންސީއެޗްއާރުގެ ރިޕޯޓުގައި ބުނެފައި ވަނީ "ގައިދީންގެ ހާލަތު [އަޑިއާލާ ޖަލުގައި] ވަރަށް ގޯސް ކަމަށާއި އަނިޔާކުރުމާއި ލާއިންސާނީ އަމަލުތަކާއި، ކާބޯތަކެއްޗާއި އެކަށީގެންވާ ނަރުދަމާ އާއި ބޯހިޔާވަހިކަން ނުލިބުމުގެ ސަބަބުން މުޅި ފެސިލިޓީ އަކީ އިންސާނީ ނިކަމެތިކަމެއްގެ ގޮތުގައި ވެގެންދާ ކަމެއް" ކަމަށެވެ. މުވައްޒަފުން  ތިބީ ސާފުތާހިރުކަމެއް ނެތް އަދި މާފިއާ ކަހަލަ ނިޒާމެއްގެ ތެރެއަށް ވަރަށް ބޮޑަށް ގުޅިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް