ބަރުދަން ލުއި ކުރާ ބޭހެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާ ބޭހެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އިއުލާނެއްގައިވާ ގޮތުން މަނާކުރީ "ޖަމޫ ސުރުތު އަޔޫ" ކިޔާ ބޭހެކެވެ.
އެމްއެފްޑީއޭއިން ބުނީ ގުދުރަތީ މާއްދާތަކުން އުފައްދާ ބޭހެއް ކަމަށް ބުނެ، އިޝްތިހާރު ކުރިޔަސް، އެ ބޭހުގައި ނުރައްކާތެރި ސައިޑް އިފެކްޓްސްތަކެއް ހިމެނޭ ޑޮކްޓަރީ ބޭސްތަކެއް ހިމެނޭ ކަމަށެވެ. އެހެންވެ ބޭރު ގައުމުތަކުގައި މި ބޭސް މަނާކޮށްފައިވާ ކަމަށެވެ.
ބަރުދަން ލުއި ކުރާ ބޭސް އުފެއްދުމުގައި އެކުލަވާލާފައިވާ ޑޮކްޓަރީ ބޭހުގެ ސަބަބުން އައްސި ކުރަން ބޭނުންކުރާ ބޭހަކާއި ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ބޭހެއް ވެސް އެ ބޭސް އުފެއްދުމުގައި ބޭނުން ކޮށްފައިވާ ކަމަށް ތަހުލީލުތަކުން ދައްކާތީ އެ ބޭސް އެހެން ބައެއް ގައުމުތަކުގައި ވެސް މަނާ ކޮށްފައިވާ އެމްއެފްޑީއޭއިން ބުންޏެވެ. މީގެ އިތުރުން ފުރަމޭވެސް އޭގައި ހިމަނާފައިވާ ބޭހުން ހަލާކުކޮށްލާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން ވެސް މަނާ ކޮށްފައިވާ ކަމަށެވެ.
ބޭރު ގައުމުތަކުން ރާއްޖެ ބޭސް ގެންނައިރު، އެކަމާ ބެހޭ ސައްހަ މައުލޫމާތު ހޯދުމާއި ސަމާލުވުމަށް އެމްއެފްޑީއޭއިން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް