ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ކުރެވޭ ތުހުމަތުތަކަށް ކަމާބެހޭ މުއައްސަސާތަކުން ފުރިހަމަ ތަހުގީގެއް ހިންގުމަށް އޭނާއަށް ސިޔާސީ މަގާމުގެ ސްލޮޓް ދީފައިވާ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.
މި މައްސަލައިގާ އެ ޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޝިމާޒުގެ މައްޗަށް ތުހުމަތު ކުރައްވާ ކަންތައްތަކަކީ އެޕާޓީއިން ކަންބޮޑުވާ ބާވަތުގެ ކަންތައްތަކެއް ކަމަށާއި އެ ޕާޓީއަކީ ކޮރަޕްޝަންއާ ދެކޮޅަށް ވަކާލާތުކޮށް ކޮރަޕްޝަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއް ކަމަށެވެ.
"އެހެންނަމަވެސް، އެފަދަ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ހެދިފައިވާ މުއައްސަސާތަކުން ފުރިހަމަ ތަހުޤީޤެއް ހިންގުމަށްފަހު މެނުވީ މިކަމުގައި ގޮތެއް ނިންމުމަކީ ރަގަޅު ގޮތެއް ނޫން ކަމުގައި މި ޕާޓީ އިން ދެކެމެވެ." އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ހަމަ އެހެންމެ، ތުހުމަތު ކުރެވިފައިވާ ފަދަ ބޮޑެތި ކަންތައްތައް މިސަރުކާރުގެ ވުޒާރާއެއްގައި ހިނގަމުންދާކަމަށް ތުހުމަތު ކުރެވުމަކީ އެޕާޓީއިން ވަރަށް ކަންބޮޑުވާ ކަމެއްކަމަށާއި އެފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ، އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާ އެކުގައިކަންވެސް ހާމަވާނީ ކަމާބެހޭ ފަރާތަތްތަކުން ކުރެވޭ ފުރިހަމަ ތަހުޤީޤަކަށްފަހުކަމަށް އެ ޕާޓީން ގަބޫލުކުރާކަމުގައިވެސް އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ޝިމާޒަކީ އެޕާޓީގެ ސްލޮޓެއްގައި މަޤާމުގައި ހުންނެވި ފަރާތަކަށްވާތީ އެ ޕާޓީގެ އެތެރޭގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ތުހުމަތު ތަކާ ގުޅޭގޮތުތުން އިތުރު މަޢުލޫމާތު ސާފުކޮށް ޝިމާޒަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނުމަށްފަހު ޕާޓީން ގޮތެއް ނިންމާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެތެރޭގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާކަމަށްބުނެ ޝިމާޒް މަގާމުން ވަކިކޮށްދިނުމަށް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ރައީސް އޮފީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ. ނަމަވެސް އެ ސިޓީއާއި ގުޅިގެން ރައީސް އޮފީހުން އަދި ވަކި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް