ނިޔާވި ރަޝީދާއި ގުޅުން ހުރި މައްސަލައިގަ އަތުލައިގަތް ޑްރަގު 80 ކިލޯއަށްވުރެ މައްޗަށް

ގދ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި80 ކިލޯއަށްވުރެ އިތުރުވެއްޖެ އެވެ. މި މައްސަލަ އަކީ މިދިޔަ ހަފްތާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓ...

02 Nov 2022 | 14:09

ގދ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި80 ކިލޯއަށްވުރެ އިތުރުވެއްޖެ އެވެ.

މި މައްސަލަ އަކީ މިދިޔަ ހަފްތާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ ނިިޔާވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދާއި ގުޅޭ މަސްތުވާތަކެތީގެ އޮޕަރޭޝަން އެވެ. އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހުމުގެ އަލާމާތްތަކެއް ފެނުމުން އެ އަތޮޅު މަޑަވެލި ސިއްހީ މަރުކަޒަށް ގެންދަނިކޮށެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައި އެވެ.

މި މައްސަލައިގެ އެންމެ ފަހު މައުލޫމާތު ދެއްވަމުން ކުރެއްވި ޓުވީޓެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ މައްސަލައިގަ މިއަދު އިތުރު 69 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްބައި ހޯދާފައިވަނީ ހޯނޑެއްދޫއިން ކަމަށާއި އަނެއްބައި ހޯދީ އެ އަތޮޅުގެ ފަޅު ރަށަކުން ކަމަށް ވިދާޅުވި އެވެ.

މި އޮޕަރޭޝަންގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ހޯނޑެއްދޫ ވަލު ތެރެއިން ވަނީ 13 ކިލޯގެ މަސްތުވާތަކެތި ހޯދާފައި އެވެ. މިއަދާއި އެ ދުވަހު ހޯދި މަސްތިވާތަކެއްޗާއި އެކު ޖުމްލަ 82 ކިލޯގެ މަސްތުވާތަކެތި ހޯދިފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ސީޕީ ވަނީ ފުލުހުން އެ އަތޮޅުގައި ކުރިޔަށްގެންދާ ބައެއް އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ހޯދަމުންދާ ތަންތަނުގެ ފޮޓޯވެސް އާންމު ކުރައްވާފައި އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ހުރީ ޕެކެޓު ކުރުމަށް ފަހު ވަލު ތެރޭގައި ވަޅުލާފައި އެވެ.

https://twitter.com/M_Hameedh/status/1587797835637870592

މި އޮޕަރޭޝަންގައި ރަޝީދު ފުލުހުންގެ ބެލުމުގެ ދަށޫގައި ހުއްޓަ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދަނީ ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނުންނެވެ. އާއިލާ އާއި ރަށު މީހުން ތުހުމަތު ކުރާގޮތުގައި އޭނާ ނިޔާވީ ފުލުހުން އަވަސް ފަރުވާ ދިނުމުގައި އިހުމާލުވުމުންނެވެ.

މި މައްސަލައިގަ ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައި އެވެ. ހަށިގަނޑު ޕޯސްޓު މޯޓަމް ހަދަނީ އާއިލާގެ ނުރުހުމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް