ބައްރު: އެފްރިކާ
ފީފާ ރޭންކިން: 18
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 2
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 2002
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާ ފައިނަލް (2002)
ކޯޗު
ނަން: އަލިއޫ ސީސޭ
ގައުމު: ސެނެގާލް
އުމުރު: 46 އަހަރު
އުފަންތާރީޚް: 24 މާރިޗް 1976
ޓީމާ ހަވާލުވީ: 2015 ވަނަ އަހަރު
ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ އަކީ އެ ގައުމުގައި މަގްބޫލު ކޯޗެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެސް އޭނާ މަޝްހޫރުވި އެވެ. އެގޮތުން 2002 ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި، ސެނެގާލް ތާރީހުގެ ތެރެއަށް ވެއްދި ކެޕްޓަނަކީ ސީސޭ އެވެ. ސީސޭ ވަނީ ސެނެގާލްގެ ގައުމީ ޓީމަށް 35 މެޗު ކުޅެފަ އެވެ. ފްރާންސާއި އިނގިރޭސިވިލާތުގެ ކްލަބުތަކަށް އޭނާ ކުޅުނެވެ. އޭނާ ކުޅުނު ކުލަބުތަކުގެ ތެރޭގައި ޕީއެސްޖީ، ލިލް، ޕޯޓްސްމައުތް ބާމިންގަމް ސިޓީ ހިމެނެއެވެ.
ކޯޗިން ދާއިރާ އަށް ސީސޭ ނުކުތީ 2012 ވަނަ އަހަރެވެ. ކޯޗިންގައި ސީސޭގެ އެންމެ ފުރަތަމަ ތަޖުރިބާ އަކީ ސެނެގާލްގެ 23 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗުކަމެވެ. އެއަށް ފަހު 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން އޭނާ ކުރި އެވެ. ގައުމީ ޓީމާ އޭނާ ހަވާލުވީ 2015 ވަނަ އަހަރެވެ. އޭގެ ފަހުން އެންމެ ފަހުން ބޭއްވުނު އެފްރިކަން ނޭޝަންސް ކަޕުގެ ފައިނަލަށް ސެނެގާލް ގެންގޮސްދިނެވެ. ސީސޭ އަކީ އެ މުބާރާތުގެ އެންމެ މޮޅު ކޯޗުވެސް މެއެވެ.
އޭނާގެ ކޯޗުކަމުގެ ދަށުން ސެނެގާލް މިހާތަނަށް 143 މެޗު ކުޅެފައިވާއިރު، ބަލިވީ އެންމެ 17 މެޗުންނެވެ. 100 މެޗުން މޮޅުވިއިރު، 26 މެޗުން ވަނީ އެއްވަރުވެފައެވެ.
މުހިންމު ކުޅުންތެރިން:
ސަދިއޯ މާނޭ
ސެނެގާލްގެ ޓީމުން މިހާރު އެންމެ ފާހަގަކޮށްލެވޭ އެންމެ ވިދުންގަދަ ތަރިއަކީ ޖަރުމަނުގެ ބަޔާން މިޔުނިކް އަށް ކުޅެމުން އަންނަ ފޯވަޑް ސަދިއޯ މާނޭ އެވެ. ސެނެގާލްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމަށް ފަހު، ސީނިއާ ޓީމަށް މާނޭ ކުޅެން ފެށީ 2012 ގަ އެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 93 މެޗުގައި އޭނާ ވަނީ 34 ލަނޑު ޖަހައިފަ އެވެ.
މާނޭ ކެރިއަރު ފެށީ ފްރާންސްގެ މެޓްޒް އިންނެވެ. އެ ކްލަބުގައި އެއް ސީޒަން ހޭދަކުރުމަށް ފަހު، އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގަށް ބަދަލުވި އެވެ. އެ ޓީމުގައި ދެ އަހަރު ހޭދަކުރުމަށް ފަހު، މާނޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ފެށީ ސައުތުހެމްޓަން އަށެވެ. އެ ޓީމުގައި ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ހޯދައިފަ އެވެ. މާނޭ ލިވަޕޫލަށް 2016 ގައި ބަދަލުވީ 34 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. ލިވަޕޫލުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު މާނޭ ޖަރުމަނުގެ ބަޔާން މިޔުނިކަށް ބަދަލުވީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށެވެ.
އިދްރީސާ ގުއޭޔޭ
ސެނެގާލްގެ ގައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ގުއޭޔޭ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ފާހަގަކޮށްލެވޭ މިޑްފީލްޑަރެކެވެ. މަސައްކަތުގެ ރޭޓު ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވިފައިވާ ގުއޭޔާ ކެރިއަރު ފެށީ ފްރާންސް އިންނެވެ. ފްރާންސްގެ ލިލް އަށް 2010 އިން 2015 އަށް ކުޅުމަށް ފަހު ބަދަލުވީ އެސްޓަން ވިލާ އަށެވެ. އޭގެ ފަހުން އެވަޓަންއާއި ޕީއެސްޖީއަށް ވެސް ގުއޭޔޭ ކުޅުނެވެ. މިހާރު ގުއޭޔޭ އަނެއްކާވެސް ކުޅެމުން އަންނަނީ އެވަޓަންއަށެވެ. ގުއޭޔޭ ވަނީ ސެނެގާލްގެ ގައުމީޓީމަށް މިހާތަނަށް ކުޅެދިން 96 މެޗުގައި ހަތް ގޯލު ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް