ޢަރަބި ބަސް އުނގަންނައިދިނުމުގެ ޚާއްޞަ މަޝްރޫޢެއް ފެށުމަށް ޢިލްމް އިންސްޓިޓިއުޓްއިން ތައްޔާރުވަނީ

މަދަރުސީ މަރުޙަލާގެ ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫޢެއް ޢިލްމް އިންސްޓިޓިޔުޓް ފޯރ އިސްލާމިކް ސްޓަޑީޒް އިން ފެށުމަށް ނިންމައިފިއެވެ. ޢިލްމު އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައ...

02 Nov 2022 | 11:05

މަދަރުސީ މަރުޙަލާގެ ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫޢެއް ޢިލްމް އިންސްޓިޓިޔުޓް ފޯރ އިސްލާމިކް ސްޓަޑީޒް އިން ފެށުމަށް ނިންމައިފިއެވެ.

ޢިލްމު އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤުޞަދުގައި، ފަށާ މަޝްރޫޢެކެވެ.

މި މަޝްރޫޢު އަމާޒުކޮށްފައިވަނީ އުމުރުން 7 އަހަރާ 16 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށެވެ. މި މަޝްރޫޢުގައި ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމަށް ބޭނުންކުރާނެ މުޤައްރަރަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެއް ކަމަށާއި އެ މުޤައްރަރުގެ ތެރެއިން ދަރިވަރުންނަށް ކިޔަވައިދެވޭނީ މަރުޙަލާތަކަކަށް ބަހާލެވިގެން، އެއް މަރުޙަލާ ނިމުމުން ދެން އޮތް މަރުޙަލާއެއް ފަށާ ގޮތަށް ކަމަށް ވެސް ޢިލްމު އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

ފެންވަރު ރަނގަޅު މުދައްރިސުންގެ އެހީއާ އެކު މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށްވެ، ކީރިތި ޤުރްއާނާއި ރަސޫލުﷲ ﷺ ޙަދީޘްފުޅުތަކުގެ މާނަ ފަސޭހަކަމާ އެކު ދެނެގަތުމުގެ ޤާބިލުކަން ހުރި ބަޔަކަށް ވާނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ. އެގޮތުން އެ އިންސްޓިޓިއުޓްގެ އޮފިޝަލު ވިދާޅުވީ، ދެ ޖިންސުގެ ސްކޫލް ދަރިވަރުންނަށް ހުޅުވާލެވިގެން ފެށޭ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، އިތުރު ތަފްޞީލު ވަރަށް އަވަހަށް ހާމަކުރާނެއެވެ.

އުމުރުން 16 އަހަރުން މަތީގެ ފަރާތްތަކަށް ޢަރަބި ބަސް އުނގަންނައިދޭ އެމް.ކިޔު.އޭ ބަލައިގަންނަ ކޯސްތަކެއް ވެސް ކުރިއަށްގެންދާ ޢިލްމު އިންސްޓިޓިއުޓްގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދެވިގެން 100 ޙާފީޡުން އުފެއްދުމުގެ މުހިންމު މަޝްރޫއެއް ކުރިއަށްދެއެވެ.

ދިވެހިންގެ ވަރަށް ބޮޑު ތަރުޙީބަކާ އެކު ކުރިއަށްދާ މި ޕްރޮގްރާމުގައި 200 އަށް ވުރެ ގިނަ ދަރިވަރުން ކީރިތި ޤުރްއާން ޙިފްޡު ކުރަމުން ދާއިރު، މިއީ ދިވެހި މުޖުތަމަޢުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ރާއްޖޭގައި ޙާފިޡުން އިތުރުކުރުމުގެ މަތިވެރި މަޤުޞަދުގައި އިލްމު އިންސްޓިޓިއުޓުން ކާމިޔާބުކަމާ އެކު، މިހާރުވެސް ކުރިއަށް ގެންދާ ވަރަށް ޚާއްޞަ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް