އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޑަބްލިއުޑީސީ އާއި ގުޅޭ އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެއެވެ. މި ބިލު ހުށަހެޅުއްވީ އަވަސް އަވަހަށް ބައި އިލެކްޝަންތައް ބާއްވަން ޖެހުމުން އުނދަގޫވެ ބަޖެޓު ހުސްވާކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކުރަމުންދާތީ އެވެ.
ބިލު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީންނެވެ. ކޮމެޓީން ބިލު ފާސްކުރިގޮތަށް ތަޅުމުން ފާސްކޮށްފައިވަނީ 34 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.
ގާނޫނަށް ގެނައި އިސްލާހާއި އެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ 365 ދުވަހުގެ ތެރޭގައި އެވެ. އަދި ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް ފާސްކުރި އިސްލާހުގައި ބުނެފައިވެއެވެ.
މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. އީސީން ބުނީ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން ފާއިތުވި ދެ އަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް