ގާކޮޅެއްގައި އަޅައިގެންފައި ވެއްޓިފައިވާ ދެމީހަކު މަގުމަތިން ނަގައިދޭން ޖެހުނު ކަމަށާއި މާލޭ ސިޓީ ކައުންސިލުން މަގުތަކުގެ ހާލަތު ރަނގަޅަށް ނުބައްލަވާކަމުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"އަޅުގަނޑު މިހާރު ދެ ދުވަހެއްގެ މަތިން މަގުމައްޗަށް ވެއްޓިފައިތިބި ދެމީހަކު ނަގައިފިން، އަޅުގނޑު އޮފީހަށް ދިޔަ މަގުމަތީގަ، އެއީ ގާކޮޅެއްގަ އަޅައިގެންފަ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އެ މައުލޫއަށް ދުރުވީ މެންޓަލް ހެލްތުގެ މައުލޫގެ ތެރެއިންނެވެ. މެންޓަލް ހެލްތުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއްކަމުގައި ވިދާޅުވިއެވެ. އަދި އެ މައްސަލަ ބޮޑުކަމުން އެކަމަށް ވަކި ހާއްސަ ޑިޕާޓްމެންޓެއް ހެލްތު މިނިސްޓްރީގައި މިހާރު ގާއިމްކޮށްފައިވާކަމުގައިވެސް ވިދާޅުވިއެވެ. އަދި މައްސަލަ ހައްލުވާނީ ހުރިހާ މުއައްސަސާތަކުންވެސް ގުޅިގެން މަސައްކަތް ކުރަމުން ކަމުގައިވެސް ވިދާޅުވިއެވެ.
މެންޓަލް ހެލްތުގެ މައްސަލަ ބޮޑުވާ ސަބަބުތައް ދަންނަވަމުން ދަންނަވަމުންގޮސް މިނިސްޓަރު ވިދާޅުވީ މާލޭގައި ހިނގާބިނގާ އުޅުމުގެ ދަތިކަން ހުރުމަކީވެސް އެފަދަ ބޮޑު މައްސަލައެއްކަމަށެވެ. މަގުތަކުގެ ހާލަތު މާލޭ ސިޓީ ކައުންސިލުން ބައްލަވަނީކީ ނޫންކަމަށެވެ. އަދި މިނިސްޓަރާ އެއް އުމުރުގެ ބޭފުޅުން މާލޭގައި މިހާރު ހިނގާބިނގާވެ އުޅުމަކީ މިހާރު ދަތިވެފައިވާކަމެއް ކަމަށާއި އެ މައްސަލަ މަޖިލީހުން ބައްލަވައިދެއްވުން އެދިލައްވާކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް