ބައްރު: ސައުތް އެމެރިކާ
ފީފާ ރޭންކިން: 44
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 3
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 2002
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ދެވަނަ ބުރު (2006)
ކޯޗު
ނަން: ގުސްޓާވޯ އަލްފާރޯ
ގައުމު: އާޖެންޓީނާ
އުމުރު: 60 އަހަރު
އުފަންތާރީޚް: 14 އޮގަސްޓް 1962
ޓީމާ ހަވާލުވީ: 2020 ވަނަ އަހަރު
އާޖެންޓީނާ އަށް އުފަން ކޯޗު ގުސްޓާވޯ އަލްފާރޯ އަކީ ފުޓްބޯޅައިގައި މާ ބޮޑު ތާރީޚެއް އޮތް ފަރާތެއް ނޫނެވެ. ނަމަވެސް އާޖެންޓީނާގެ ޕްރިމިއާ ޑީވިސަންގެ ކުލަބެއް ކަމުގައިވާ އެތްލެޓިކޯ ޑި ރަފައެލާ އަށް ކުޅުނެވެ. އެއީ 1988 އިން 1992 ވަނަ އަހަރާއި ހަމައަށެވެ. ނަމަވެސް އެކުލަބާއި އެކު އެއްވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
އޭނާގެ ކޯޗިން ކެރިއަރު ފެށީ 1992 ވަނަ އަހަރު ކުރީގެ ކުލަބު އެތްލެޓިކޯ ޑި ރަފައެލާ އިންނެވެ. އާޖެންޓީނާގެ ޕްރިމިއަރ ޑިވިސަންގެ މަޝްހޫރު ގިނަ ކުލަބުތަކަކަށް ކޯޗުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ބޮކަޖޫނިއަރސް، ބެލްގެރާނޯ، އާސެނަލް ޑި ސަރަންޑި ފަދަ ކުލަބުތައް ހިމެނެއެވެ. އޭނާ ވަނީ މި ކުލަބުތަކާއި އެކު ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.
ގުސްޓާވޯ އެކުއެޑޯގެ ކޯޗުކަމާއި ހަވާލުވީ 2020 ވަނަ އަހަރުގައެވެ. ގުސްޓާވޯ އެކުއެޑޯގެ ކޯޗުކަމާއި ހަވާލުވެ 2021 ވަނަ އަހަރު ބްރެޒިލްގައި އޮތް ކޮޕައެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް އެކުޑޯ ގެންގޮސްދިނެވެ. މިއީ އެކުއެޑޯގެ ކޯޗުކަމާއި ހަވާލުވި ފަހުން ގުސްޓާވޯއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެކުއެޑޯ މިހާތަނަށް 31 މެޗު ކުޅެފައިވާއިރު، ބަލިވީ އެންމެ އަށް މެޗުންނެވެ. 11 މެޗުން މޮޅުވިއިރު، 12 މެޗުން ވަނީ އެއްވަރުވެފައެވެ.
މުހިންމު ކުޅުންތެރިން:
ޕިއެރޯ ހިންކަޕީ
ޕިއެރޯ ހިންކަޕީ އަކީ އެކުއެޑޯގެ ފަހަތުގެ މައި ތަނބެވެ. ޖަރުމަން ބުންޑެސް ލީގާގެ ބަޔާން ލެވަކޫސަން އަށް ކުޅެމުންއަންނަ ޕިއެރޯ ހިންކަޕީ އަކީ މިފަހަރުގެ ވޯލްޑްކަޕްގައި އެކުއެޑޯ ޓީމުގައި މުހިންމުދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ.
މިހާރު އުމުރުން 20 އަހަރުގެ ޑިފެންޑަރ އަކީ ބަޔާން ލެވްކޫސަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ބަޔާން ލެވަކޫސަންއަށް މިހާތަނަށް 33 މެޗު ކުޅެދީ ދެ ލަނޑު ޖަހާފައިވެއެވެ. 2021 ވަނަ އަހަރު އެކުއެޑޯގެ ސީނިއަރ ގައުމީޓީމުން ފުރުސަތު ލިބުނު ހިންކަޕީ ވަނީ މިހާތަނަށް އެކުއެޑޯ ޓީމަށް ކުޅެދިން 21 މެޗުގައި އެއް ގޯލު ޖަހައިދީފައެވެ.
ޕަރވިސް އެސްޓޫޕިނާން
ލެފްޓް ބެކް އެސްޓޫޕިނާން އަކީ ޔޫރަޕުގެ ޓޮޕް ލެވެލްގެ ކުޅުންތެރިއެކެވެ. އޭނާ މިހާރު ކުޅެމުން އަނަންނަނީ އިނގެރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ބްރައިންޓަން އަލްބިއޮން އަށެވެ. ބަރައިޓަން އަށް ބަދަލުވުގެ ކުރިން ނިމިގެން ދިޔަ އަހަރު އެސްޓޫޕިނާން ކުޅުނީ ސްޕެނިޝް ލީގުގެ ވިޔަރެއާލް އަށެވެ. ވިޔަރެއާލްގައި 33 މެޗު ކުޅުނެވެ. މި ފަހަރުގެ ސީޒަނަށް ބްރައިޓަން އަށް ބަދަލުވި ފަހުން އޭނާ ވަނީ އެ ކުލަބަށް މިހާތަނަށް ހަ މެޗު ކުޅެދީފައެވެ. އެސްޓޫޕިނާން ވަނީ މީގެ ކުރިން ވެޓްފޯޑް އަދި އޮސަސޫނާއަށް ވެސް ކުޅެފައެވެ.
އުމުރުން 24 އަހަރުގެ އެސްޓޫޕިނާން އަކީ އެކުއެޑޯ ޓީމުގެ ޑިފެންސް ލައިނުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާއެވެ.
އެސްޓޫޕިނާން އޭނާގެ އިންޓަރނޭޝަނަލް ކެރިއަރ ފެށީ އެކުއެޑޯގެ ޔޫތް ޓީމުން 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން 20 އަހަރުން ދަށުގެ ޓީމަށް ކުޅުނެވެ. އެސްޓޫޕިނާން އެކުއެޑޯގެ ސީނިރަ ޓީމަށް ކުޅެން ފެށީ 2019 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެކުއެޑޯގެ ސީނިއަރ ޓީމަށް އެސްޓޫޕިނާން ވަނީ މިހާތަނަށް 28 މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ 3 ގޯލު ވެސް ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް