މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ފުރާވަޑައިގެންފިއެވެ.
އަންގާރަދުވަހުގެ ރޭ މުފްތީ މެންކް ފުރާ ވަޑައިގެންނެވިއިރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީއާއި އަންގާރަ ދުވަހު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން ދެއްވި ދައުވަތު ގަބޫލުކުރައްވާ ރާއްޖެއަށް ވަޑައިގެން މާލެއާއި އަތޮޅުތެރޭގައިވެސް ދީނީ ތަޤްރީރުތައް ދެއްވިކަމަށްޓަކައި އުފާކުރައްވާ ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވި އެވެ. އަދި މުފްތީ މެންކް ދަރުސްދެއްވި މައުޟޫޢުތަކަކީ ރާއްޖެއަށް ވަރަށް މުހިއްމު މައުޟޫތަކެއް ކަމަށާއި މުފްތީ މެންކަކީ ދިވެހިންގެ ނުހަނު ލޯތްބާއި އިޚްތިރާމް ލިބިލައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މުފްތީ މެންކުގެ މިފަހަރުގެ ދަރުސްތަކުންވެސް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މާ ދުރުނޫން މުސްތަޤުބަލެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާނެ ކަމަށް މިނިސްޓަރ މި ބައްދަލުވުމުގައި ވިދާޅުވިއެވެ.
މެންކުގެ ވާހަކަފުޅުގައި ރާއްޖެ އައުމަށް ދައުވަތު ދެއްވީތީ ވަރަށް އުފާ ކުރައްވާ ކަމަށާއި އަދި ރާއްޖެ އައުމުން ބެހެއްޓެވި ގާތްކަމާއި މެޙްމާންދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދޅުވިއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވާ މަސައްކަތަށްޓަކައި ޝުކުރުއަދާކުރައްވާ އެމަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެއްވިއެވެ.
މުފްތީ މެންކްގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވަނީ ތަފާތު މައުޟޫޢުތަކަށް ދަރުސް ދެއްވާފައެވެ. މިއިން ކޮންމެ ދަރުހަކަށްވެސް އެތައް ބަޔަކު ހާޒިރުވި އިރު ރޭޑިއޯއާއި ޓީވީ އަދި އޮންލައިންކޮށްވެސް މި ދަރުސްތަކަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.
https://twitter.com/MVIaffairs/status/1587517370867720193
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް