"އާ އެއްބަސްވުމެއްގައި ސޮއި ނުކުރާނަން" –ރޮނާލްޑޯ-

ރިއަލް މެޑްރިޑާއެކު މިހާރަށްވުރެ ރަނގަޅު ކޮންޓްރެކްޓެއް ހޯދަން މަސައްކަތް ނުކުރާ ކަމަށާއި، އާ ކޮންޓްރެކްޓެއްގައި ސޮއި ކުރަން ނޫޅޭ ކަމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ދާދި ފަހުން ދު...

02 Nov 2017 | 07:10

ރިއަލް މެޑްރިޑާއެކު މިހާރަށްވުރެ ރަނގަޅު ކޮންޓްރެކްޓެއް ހޯދަން މަސައްކަތް ނުކުރާ ކަމަށާއި، އާ ކޮންޓްރެކްޓެއްގައި ސޮއި ކުރަން ނޫޅޭ ކަމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދާދި ފަހުން ދުނިޔޭގެ ރެކޯޑް ފީއަކަށް ބާސާއިން ޕީއެސްޖީއަށް ބަދަލުވެ ބޮޑު މުސާރައެއް ލިބޭ އެއްބަސްވުމެއްގައި ސޮއި ކުރި ނޭމާ އާއި ބާސާގެ ތަރި ލިއޮނަލް މެސީ އެންމެ ފަހުން ސޮއި ކުރި އެއްބަސްވުމާއެކު ލިބޭ މުސާރައެކޭ އެއްވަރުގެ މުސާރައެއް ލިބޭފަދަ ކޮންޓްރެކްޓެއް ހޯދުމަށް ރޮނާލްޑޯ މަސައްކަތް ކުރާ ކަމުގެ އަޑުތައް ފަހަކަށް އަހިސްވަނީ ގަދަވެފައެވެ.

އެހެން ނަމަވެސް، ރޭ ޓޮޓެންހަމް އަތުން ބަލިވި މެޗުގައި މެޑްރިޑްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރި ރޮނާލްޑޯ ބުނީ މިހާރަށްވުރެ ބޮޑު މުސާރައެއް ހޯދުމަށް ރިއަލް މެޑްރިޑްގެ ބޯޑަށް އޭނާ ޕްރެޝަރ ނުކުރާކަމަށެވެ.

"ރިއަލް މެޑްރިޑާއެކު އަހަރެން މިދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރެވެމުން. އަހަރެންގެ ކޮންޓްރެކްޓްގަ ބާކީ ހަތަރު އަހަރު އެބައޮތް. އެހެންވީމާ އަހަރެން ބޭނުމެއް ނޫން ކޮންޓްރެކްޓް އާ ކުރާކަށް." ރިއަލް މެޑްރިޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ ރޮނާލްޑޯ ބުންޏެވެ.

ކޮންޓްރެކްޓް އާ ނުކުރާނެކަމުގެ ސިގުނަލް ދީފައިވާއިރު، ފާއިތުވި ދެ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ރިއަލް މެޑްރިޑުގެ ކުޅުން މި ސީޒަންގައި ވަރަށް ބޮޑުތަން ދަށްވެފައިވުމާއެކު ރޮނާލްޑޯ ވަނީ އެކަމާ ބެހޭގޮތުންވެސް ވާހަކަދައްކާ، ޓީމުން އަލުން މެޗުތަކުން މޮޅުވަން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

ރިއަލް މެޑްރިޑްއަކީ މޮޅުވުމަށް އާދަވެފައިވާ ޓީމަކަށް ވެފައި، މެޗުތަކުން ބަލިވަމުން ދިއުމަކީ ޓީމަށް އުނދަގޫ، ގޯސް ހާލަތެއް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ. އަދި ފުޓްބޯޅައަކީ ބަދަލުވަމުންދާ އެއްޗެއް ކަމަށާއި، އެހެންކަމުން ބޭނުން ނުވިޔަސް އުނދަގޫ ހާލަތްތައް އަންނާނެކަމަށާއި އަދި މި ނުރަނގަޅު ނަތީޖާތަކުން ރިއަލް މެޑްރިޑަށް އަރައިގަނެވޭނެކަން ޔަގީން ކުރާ ކަމަށްވެސް ޕޯޗުގަލްގެ ތަރި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް