މެންޗެސްޓާ ސިޓީ މޮޅުވެ ދެވަނަ ބުރަށް. އަގުއޭރޯ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ވަރަށް ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީ އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ 4-2 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކ...

02 Nov 2017 | 03:58

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ވަރަށް ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީ އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ 4-2 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

ރޭގެ މޮޅާއެކު ސިޓީން ގްރޫޕް އެފް ގެ އެއް ވަނައިގައި އޮތީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. އަނެއްކޮޅުން ރޭގެ ބައްޔާއެކު ތާވަލުގެ 3 ވަނައަށް ވެއްޓި ނަޕޯލީއަށް ވަނީ ހާސްކަން ކުރިމަތިވެފައެވެ. ނަޕޯލީއަށް ހަތަރު މެޗުން އެންމެ 3 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ 3 ވަނައިގައެވެ. 2 ވަނައިގައި އޮތީ ރޭ ފެޔަނޫޑް އަތުން 3-1 އިން މޮޅުވި ޝަކްތާ ޑޮނެސްޓްކް އެވެ. އެ ޓީމަށް ވަނީ 9 ޕޮއިންޓް ލިބިފައެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ނަޕޯލީ އިންނެވެ. އެ ޓީމަށް 21 ވަނަ މިނިޓުގައި ލަނޑު ޖަހައިދިނީ ލޮރެންޒޭ އިންސީނޭ އެވެ. އެހެން ނަމަވެސް އޭގެ 14 މިނިޓު ފަހުން ނިކޮލަސް އޮޓަމެންޑީ ކާމިޔާބު ކުރި ލަނޑުން ސިޓީ އިން ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެއެވެ.

ދެވަނަ ހާފު ފެށިގެން ސިޓީއަށް ލީޑު ނަގައިދިނީ ސާނޭ ދިން ބޯޅައަކުން ޑިފެންޑަރ ޖޯން ސްޓޯން އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 48 ވަނަ މިނިޓުގައެވެ. އެހެން ނަމަވެސް 62 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯގީނިއޯ ވަނީ ނަޕޯލީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ސިޓީން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 69 ވަނަ މިނިޓުގައި ސާޖިއޯ އަގުއޭރޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑާއެކު ސިޓީއަށް ޖަހައިދިން  ލަނޑުގެ އަދަދު 178 އަށް އެރިއިރު، ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އަގުއޭރޯ ވަނީ ހޯދާފައެވެ.

ސިޓީގެ ހަތަރު ވަނަ ލަނޑަކީ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ރަހީމް ސްޓާލިން ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މި ގްރޫޕްގައި ރޭ ކުޅެވުނު އަނެއް މެޗުން ޝަކްތާ މޮޅުވިއިރު، މާލޯސް ވަނި ދެ ލަނޑު ޖަހާފައެވެ. އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ފެރޭރާއެވެ. ފެޔަނޫޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖޯޖެންސަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް