އުރުދުންގެ ދިރާސާ ގުރޫޕެއް ކަމަށްވާ “ދަ ރޯޔަލް އިސްލާމިކް ސްޓެޓެޖިކް ސްޓަޑީޒް ސެންޓަރުން” ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓުގައި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މި އަހަރުވެސް ހިމެނިވަޑައިގެންފި އެވެ.
މިއީ ޑރ.ޝަހީމް މި ލިސްޓުގައި ވިދިވިދިގެން ހިމެނުނު ހަ ވަނަ އަހަރެވެ. މީގެކުރިން މިލިސްޓުގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ދެ އަހަރެއްގައި ހިމެނިފައި ވެ އެވެ.
މި އަހަރުގެ ލިސްޓުގެ އެއްވަނައިގާ ވަނީ މިސްރުގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ. ޝެއިޚް އަހުމަދު މުހައްމަދު އަލް ތައްޔިބު އެވެ. މިދިޔަ އަހަރު އެއްވަނައިގާ އޮތީ އުރުދުންގެ އަބްދުﷲ ރަސްގެފާނެވެ. ޑރ. ޝެއިހް އަހުމަދު މުހައްމަދު އަލް-ތައްޔިބު މިދިޔަ އަހަރު ހިމެނިވަޑައިގެންނެވީ ދެވަނައިގަ އެވެ. މި އަހަރުގެ ލިސްޓުގެ ދެވަނައިގާ ހިމެނިވަޑައިގެންފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު އެވެ.
މި ލިސްޓުގައި ވަނަތައް ދީފައި ހުންނަނީ 50 އާ ހަމައަށެވެ. ދެން ހިމަނާފައި ހުންނަނީ އެންމެ ނުފޫޒު ގަދަ 450 މުސްލިމުންނެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ މުސްލިމުންގެ ލިސްޓު އާންމު ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި ލިސްޓު އެކުލަވާލާ އާންމުކުރަން ފަށާފައިވަނީ މީގެ ހަތް އަހަރު ކުރިން 2009 ވަނަ އަހަރުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް