ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅެވުނު މެޗުން، އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން ރިއަލް މެޑްރިޑް 3-1 ގެ ނަތީޖާއިން ބަލިކޮށް ޓޮޓެންހަމް އިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ރޭގެ މޮޅާއެކު ޓޮޓެންހަމް އޮތީ ކުޅުނު 4 މެޗުން 10 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއް ވަނައިގައެވެ. ރޭގެ މެޗުން ބަލިވި ރިއަލް މެޑްރިޑަށް 7 ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުން ޑޯޓްމަންޑް އަޕޮއެލް އަތުން 1-1 އިން އެއްވަރުވުމުން ދެވަނަ ބުރުގެ ފުރުސަތު ރިއަލް މެޑްރިޑަށްވެސް ވަނީ ވަރަށް ބޮޑުވެފައެވެ. ރޭގެ އެއްވަރާއެކު ޖަރުމަނުގެ ބުރޫޝިއާ ޑޯޓްމަންޑް އަދި ސައިޕްރަސްގެ އެޕޮއެލް އަށްވެސް ލިބިފައިވަނީ 2 ޕޮއިންޓެވެ.
ރޭގެ މެޗުގައި މެޑްރިޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޓޮޓެންހަމުން ވަނީ ކޮންމެ ކައުންޓަރ އެޓޭކް އެއްގައިހެން މެޑްރިޑްގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ. ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ޑެލޭ އަލީ ކާމިޔާބު ކޮށްދިނީ މެޗުގެ 27 ވަނަ މިނިޓުގައެވެ. މިއީ ކިއެރަން ޓްރިޕިއާ ދިން ބޯޅައަކުން ޑެލޭ އަލީ ޖެހި ލަނޑެކެވެ. ޓްރިޕިއާއަށް ބޯޅަ ލިބުނު އިރު އޭނާ ހުރީ ކުޑަކޮށް އޮފްސައިޑް ޕޮޒިޝަނެއްގައެވެ.
ޓޮޓެންހަމްގެ ލަނޑަށްފަހު މެޑްރިޑުން ފުލުފުލުގައި ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑެއް ކާމިޔާބު ނުކުރެވި ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއިންނެވެ. ޑެލޭ އަލީ ދެވަނަ ލަނޑު ޖަހައިދިނީ މެޗުގެ 56 ވަނަ މިނިޓުގައެވެ. އެރިކް ޑަޔާ ދިން ބޯޅަ ކަސަމިރޯ ކައިރިން ނައްޓާލުމަށްފަހު ގޯލަށް ފޮނުވާލިއިރު، ބޯޅަ ގޯލަށް ވަނީ ރާމޯސްގެ ގައިގައި ޖެހިފައިވެސްއެވެ.
ޓޮޓެންހަމްއަށް 65 ވަނަ މިނިޓުގައި 3 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ. މިއީ މެޑްރިޑްގެ އެޓޭކެއް ހުއްޓުވައި އުފެއްދި އަވަސް ކައުންޓާ އެޓޭކެއްގައި ހަރީ ކޭން ދިން ބޯޅައަކުން އެރިކްސަން ޖެހި ގޯލެކެވެ.
މެޑްރިޑްގެ ހަމައެކަނި ލަނޑު 80 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެންމެ ފަހުން ސްޕެނިޝް ލީގުގައި އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން ބަލިވެ ބަލިވެ އެއް ވަނައިގައި އޮތް ބާސާއަށްވުރެ 8 ޕޮއިންޓް ފަހަތުގައި އޮތް ރިއަލް މެޑްރިޑަށް ކުރިމަތިވި އިތުރު ހިތްދަތިކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް