މިނިސްޓަރު ޒެނީޝާ އޮމާނަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައިފި

އޮކްޓޫބަރު މަހު 29އިން 31އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އޮމާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމުގައި ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށާއި ކުދިންނަށް ފ...

02 Nov 2017 | 02:13

އޮކްޓޫބަރު މަހު 29އިން 31އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އޮމާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމުގައި ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށާއި ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވައިލައްވައިފިއެވެ.

އެ ގޮތުން މިނިސްޓަރ ޒެނީޝާ ވަނީ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚިދުމަތްދޭ މަރުކަޒަކަށާއި، އަންހެނުންގެ ޖަމާޢަތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ ކަންކަން ހިންގަވާގޮތް ބައްލަވައިލައްވައިފައެވެ.

އެސޯސިއޭޝަން ފޮރ ދަ ވެލްފެއަރ އޮފް ޑިސްއޭބަލްޑް ޗިލްޑރަންއަށް މިނިސްޓަރ ޒެނީޝާ ކުރެއްވި ޒިޔާރަތުގައި، އެ މަރުކަޒުން ޚިދުމަތް ފޯރުކޮށްދޭ ހަ އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް، އެކުދިންގެ އުމުރާ ގުޅޭ ގޮތަށް ހިންގޭ ތަޢުލީމީ، ޞިއްޙީ އަދި ލައިފް ސްކިލްސްއާ ގުޅޭ ޕްރޮގްރާމްތައް ބައްލަވައިލައްވައި، އެ ޚިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ. އަދި 'ޗައިލްހުޑް ކެއަރ ސެންޓަރ'އަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ ކޮންސެޕްޓާއި، އެ ތަނުގައި ދިރިއުޅޭ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވައިލެއްވިއެވެ.

އަދި އޮމާންގެ ވިމެންސް އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުވުމުގައި މި ޖަމާޢަތުން އަންހެނުން ބާރުވެރިކުރުމަށް ހިންގާ ތަފާތު ޓްރޭނިންގތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިނިސްޓަރ ޒެނީޝާ ވަނީ ބައްލަވައިލައްވައިފައެވެ.

މިނިސްޓަރ ޒެނީޝާ އޮމާނަށް ކުރެއްވި މި ދަތުރުފުޅުގައި، އެ ޤައުމުގެ ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރ، ހިޒް އެކްސެލެންސީ ޝައިޚް މުޙައްމަދު ބިން ސާޢިދު ބިން ސައިފް އަލްކަލްބާނީއާ ވެސް ބައްދަލުކުރައްވައި، މިނިސްޓްރީ އޮފް ޖެންޑަރއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޙިއްޞާކުރެއްވެވިއެވެ. އަދި ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރެވޭނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ އިތުރުން، އެ ކަމަނާގެ މި ޒިޔާރަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކްޓިންގ އަންޑަރ ސެކްރެޓަރީ ފޮރ ޑިޕްލޮމެޓިކް އެފެއާޒްއާ ވެސް ބައްދަލުކުރެއްވެވިއެވެ. އަދި އެ ބައްދަލުކުރެވެވުމުގައި، ދެ ޤައުމު އެކުގައި މަސައްކަތްކުރެވޭނޭ ދާއިރާތަކުގެ އިތުރުން ބައިލެޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް