އޭޓީއެމްގެ ހިދުމަތް ބޭނުންކުރާއިރު ލިބޭ ކަރުދާސް ރިސިޕްޓް (ކަރުދާސް ރަޝީދު) މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ނުލިބޭ ގޮތަށް އަދި އޭގެ ބަދަލުގައި ޑިޖިޓަލް ރިސިޕްޓް ލިބޭގޮތަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.
މިގޮތަށް ނިންމިކަން ހާމަކޮށް ގައުމީ ބޭންކުން މީޑިއާތަކަށް ފޮނުވާފައިވާ ނޫސް ބަޔާނެއްގައި ބުނެފައިބަނީ ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން ބޭންކިންގ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވުމުންދާ ދަނޑިވަޅުގައި 8 ނޮވެމްބަރުން ފެށިގެން އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ފަރާތްތަކަށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އެތާރީޚުގެ ފަހުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ކަސްޓަމަރުންނަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ނުލިބުނު ނަމަވެސް އޭޓީއެމް މެދުވެރިކޮށް ޑިޕޮޒިޓް، ޓްރާންސްފަރ އަދި ފައިސާ ދެއްކުމުން ޓްރާންސެކްޝަން ފުރިހަމަވީ ކަން ޔަގީންކުރުމަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ލިބޭނެ ކަމަށެވެ.
"ޑިޖިޓަލް ރިސިޕްޓް ދޫކުރަން ފެށުމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެވެސް އެއްބައެވެ. މިގޮތުން ރިސިޕްޓް ޕްރިންޓް ކުރާ ކަރުދާސް މަދުކުރެވުމާއެކު ކުނި ގިނަވުމުގެ މައްސަލައަށްވެސް ލުޔެއް ލިބޭނެއެވެ. މިހާރުވެސް ބީއެމްއެލްގެ ގިނަ ކަސްޓަމަރުން ޓްރާންސެކްޝަންތަކުގެ ތަފްސީލް ބެލުމަށް މޮބައިލް އެޕް އިހުތިޔާރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ވަރަށް ގިނަ ކަސްޓަމަރުންނަށް މިހާރުވެސް މޮބައިލް ފޯނަށް އެސްއެމްއެސްގެ ޒަރީއާއިން ޑިޖިޓަލް ރިސިޕްޓް، ނުވަތަ ޓްރާންސެކްޝަން އެލާޓް ލިބެމުން ދެއެވެ. މިޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުން ވެެގެންދާނީ ބީއެމްއެލްގެ އޮންލައިން ބޭންކިންގ ޚިދުމަތްތަކުން ކަސްޓަމަރުންނަށް ލިބެމުންދާ އިތުރު ފަސޭހައަކަށެވެ. ފައިސާ ނެގުމުން ޓްރާންސެކްޝަން އެލާޓް މޮބައިލް ފޯނަށް ލިބެމުން ނުދާ ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންމެ އޭޓީއެމްއެއް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު މި ޚިދުމަތަށް އެފަރާތެއްގެ މޮބައިލް ނަންބަރު ރަޖިސްޓްރީ ކުރެވޭނެއެވެ." ގައުމީ ބޭންކްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބޭންކުން އިތުރަށް ބުނެފައިވަނީ މިހާރު ކުރެވޭ ކޮންމެ 10 ޓްރާންސެކްޝަންއަކުން 9 ޓްރާންސެކްޝަން ކުރެވެނީ އޮންލައިންކޮށް ކަމަށާއި މިކަމުގެ ސަބަބުން ބްރާންޗްތަކުން ޚިދުމަތް ހޯދުމަށް ކިޔޫގައި މަޑުކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައި ކަމަށެވެ. އަދި މިއަހަރު ކުރީކޮޅު ބީއެމްއެލްއިންވަނީ ޕާސަނަލް ކަސްޓަމަރުންނަށް އަމާޒުކޮށް އިންޓަނެޓް ބޭންކިން އަށް އާ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި އަލަށް ތައާރަފް ކުރި ޚިދުމަތްތަކާއި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން މިޚިދުމަތަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ދަނީ ލިބެމުން ކަމުގައިވެސް ބޭންކްގެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް