ރީތިނަލަ "ރަންދިހަ ފަހެއް"ގެ އައު ނޫޓުތައް ތައާރަފްކޮށްފައިވަނީ ރޭ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ.
ނޫޓުތަކުގެ ކުލަތަކުން މުޅި ދަރުބާރުގެ ޖަރީކޮށް ދިއްލައިލި އެވެ. އައުނޫޓުތައް ފެނުމުން "ދިވެއްސަކަށްވީތީ ފަހުރުވެރިވާ" ފަދަ އިހުސާސްތަކެއް ގިނަބަޔަކު ކުރި ކަން ސޯޝަލްމީޑިއާގައި ޖަހާފައިވާ ސްޓޭޓަސްތައް ހެކިދެ އެވެ. ނޫޓުތައް ދިވެހިވަންތަ ކަމުންނެވެ. ދިވެހި ފަންނާނުންގެ ކުޅަދާނަކަމުންނެވެ. އަބްދުﷲ ނަޝާތު ފަރުމާކުރި ނޫޓުތައް ފުރިހަމަވެފައި ނަލަ ކަމުންނެވެ.
އައު ނޫޓު ނެރުމާއި ހަމައިންފެށިގެން އެންމެން މިއުޅެނީ އައުނޫޓުގެ "ފައްސަތޭކަ" ނޫޓުގެ ސުކުނަކައިގެންނެވެ. ސުކުން ހަނގުރާމަ ފެށިގެން ކުރިއަށްދާއިރު ބަހުގެ މާހިރުން އަންނަނީ އެމްއެމްއޭގެ ގަވަރުނަރަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުންނެވެ. ޑރ. އަޒީމާ އާދަމް އަންނަނީ އެ ހަމަލާތަކުން ދިފާއުވުމަށް ޝީލްޑްތައް ދިއްކުރަމުންނެވެ.
މިފަހަރު އަނެއްކާ އަނެއް މައްސަލަ އެވެ. ސޯޝަލްމީޑިއާގައި ބަޔަކު ބުނަމުންމިދަނީ އައު ނޫޓުތަކަކީ 2017ގައި ބޭނުންކުރަންފެށުމަށް ނޯވޭއިން މިދިޔަ އަހަރު ފާސްކުރި އައު ނޫޓުތަކުގެ ނަކަލެއް ކަމަށެވެ. ފޮޓޯތައްވެސް ދަނީ އާއްމުކުރަމުންނެވެ.
ނޯވޭގެ އައު ނޫޓާއި ރާއްޖޭގެ އައު ނޫޓުތަކާ ވައްތަރުހެއްޔެވެ. ކިޔުންތެރިން އަމިއްލައަށް އިންސާފުކޮށްލައްވާށެވެ.
ނޯވޭގެ ނޫޓުތަކުގައި ހިމެނެނީ 50، 100، 200، 500 އަދި 1000 ގެ ނޫޓެވެ. ރާއްޖޭގެ ނޫޓު ސެޓުގައި މި ހިމެނެނީ 10، 20، 50، 100، 500 އަދި 1000 ރުފިޔާގެ ނޫޓުތަކެވެ.
އަޅާކިޔާލާނަމެވެ.
ނޯވޭގެ 50 ކްރޯން ނޫޓު އަދި ދިވެހި 50 އައު ނޫޓް:
އެއް ކުލައެކެވެ. އެނޫޓުގައިވެސް އިމާރާތެކެވެ. މި ނޫޓުގައިވެސް އިމާރާތެކެވެ. ކުލަ ވައްތަރުވުމާއި ނޫޓުގެ އަދަދު އަދި ބޭންކުގެ ނަން އިން ލޮކޭޝަން ފިޔަވައި ދެ ނޫޓުން މާ ބޮޑު އެއްގޮތް ކަމެއް ނުފެނެ އެވެ.
ނޯވޭގެ އައު 100 ކްރޯން އާއި ދިވެހި 100 ރުފިޔާގެ އައު ނޫޓު:
އަނެއްކާވެސް އެއް ކުލައެކެވެ. ކުލަ ވައްތަރުވުމާއި ނޫޓުގެ އަދަދު އަދި ބޭންކުގެ ނަން އިން ލޮކޭޝަން ފިޔަވައި ދެ ނޫޓުން މާ ބޮޑު އެއްގޮތް ކަމެއް ނުފެނެ އެވެ.
ނޯވޭގެ 200 ކްރޯން އަދި ދިވެހި 1000 ރުފިޔާގެ އައު ނޫޓު:
ރާއްޖޭގައި 200 ރުފިޔާގެ ނޫޓެއް އަދި ނެތެވެ. ނަމަވެސް ކުލަ ސެޓަށް ބަލާލާއިރު ދިވެހި ރުފިޔާ ސެޓުން ނޯވޭގެ 200 ކްރޯންގެ ނޫޓާ ގުޅެނީ ދިވެހި 1000 ރުފިޔާގެ ނޫޓާ އެވެ. ކުލަ ވައްތަރުވުމާއި ނޫޓުގެ އަދަދު އަދި ބޭންކުގެ ނަން އިން ލޮކޭޝަން ފިޔަވައި ދެ ނޫޓުން މާ ބޮޑު އެއްގޮތް ކަމެއް ނުފެނެ އެވެ.
ނޯވޭގެ 500 ކްރޯން އަދި ދިވެހި 500 ރުފިޔާގެ އައު ނޫޓު:
އަނެއްކާވެސް ހަމަ އެއްކުލައެކެވެ. ޓެކްސްޗާ ތަފާތެވެ. ކުލަ ވައްތަރުވުމާއި ނޫޓުގެ އަދަދު އަދި ބޭންކުގެ ނަން އިން ލޮކޭޝަން ފިޔަވައި ދެ ނޫޓުން މާ ބޮޑު އެއްގޮތް ކަމެއް ނުފެނެ އެވެ.
ނޯވޭގެ އައު 1000 ކްރޯން ނޫޓު އަދި ދިވެހި 20 ރުފިޔާގެ އައު ނޫޓު:
ކުލަ ވައްތަރުވުމާއި ނޫޓުގެ އަދަދު އަދި ބޭންކުގެ ނަން އިން ލޮކޭޝަން ފިޔަވައި ދެ ނޫޓުން މާ ބޮޑު އެއްގޮތް ކަމެއް ނުފެނެ އެވެ.
ޖުމްލަގޮތެއްގައި ބަލާއިރު ދިވެހި އައު ނޫޓާއި ނޯވޭގެ އައު ނޫޓުގައި އެންމެ ބޮޑަށް އެއްގޮތްކަމެއް ފެންނަނީ ކުލަތަކެވެ. ގާތްގަނޑަކަށް ހަމަ އެއްކުލަތަކެކެވެ. ބޭންކުގެ ނަމާއި ނޫޓުގެ އަދަދު ލިޔެފައިވަނީ އެއް ލޮކޭޝަނެއްގައިކަން ފާހަގަ ކުރެވެ އެވެ.
އަބަދުވެސް ދައްކާ ވާހަކަ އެކެވެ. ދިވެހިން ޑިޒައިން ކުރާއިރު ބޭރުގެ ޑިޒައިންތައް ކޮޕީ ކުރާ ވާހަކަ އެކެވެ. ކޮންމެއަކަސް ދިވެހި އައު ނޫޓުތަކާއި ނޯވޭއިން 2017ގައި ނެރެން ތައްޔާރުކޮށްފައިވާ އައު ނޫޓުތަކާއި ވައްތަރުތޯ ނިންމާނީ ކިޔުންތެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް