ހަތިޔާރު ބޭރުކުރެވުނީ އެކަން ބެލެހެއްޓުމަށް މަތިކޮށްފައި ހުރި މީހަކު ގައްދާރުވުމުން: ޑިފެންސް

ރިޔާސީ ލޯންޗުކޮޅުގައި ދެވުނު ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަހުގީގުގައި ބ. ހިބަޅިދޫން ފެނުނު ހަތިޔާރުތަކުގެ ތެރޭގައި އެމްއެންޑީއެފް ބަޑިގުދަނުގެ ހަތިޔާރު ހިމެނޭއިރު އެ ހަތިޔާރ...

02 Nov 2015 | 12:05

ރިޔާސީ ލޯންޗުކޮޅުގައި ދެވުނު ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަހުގީގުގައި ބ. ހިބަޅިދޫން ފެނުނު ހަތިޔާރުތަކުގެ ތެރޭގައި އެމްއެންޑީއެފް ބަޑިގުދަނުގެ ހަތިޔާރު ހިމެނޭއިރު އެ ހަތިޔާރު ބޭރުކޮށްފައި އެވަނީ މިކަން ބެލެހެއްޓުމަށް މަތިކުރެވިފައިހުރި މީހަކު ގައްދާރުވުމުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި ހަތިޔާރު ބެލެހެއްޓުމާއި ހަތިޔާރު ދޫކުރުމާއި ބަލައިގަތުމުގެ ނިޒާމަކީ ޒަމާނުއްސުރެ ވަރަށް ހަރުދަނާ ޤަވާޢިދުތަކާއި އުސޫލްތަކެއްގެ މަތިން ކުރަމުންދާ ކަމެއް ކަމަށާއި 30 އޮކްޓޯބަރ 2015 ގައި ދިވެހި ފުލުންނާއި ގުޅިގެން ދިވެހި ސިފައިން ހޯދާފައިވާ ބައެއް ހަތިޔާރު އެމްއެންޑީއެފް އިން ބޭރުކޮށްފައި އެވަނީ މިކަން ބެލެހެއްޓުމަށް މަތިކުރެވިފައިވާ މީހަކު މި ޤަވާޢިދުތައް ފުނޑުފުނޑުކޮށް ދިވެހި ސިފައިންގެ ޤާނޫނާއި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ޚިލާފްވެ ޣައްދާރުވުމުން ކަމަށެވެ.

"އެ މުޑުދާރު ޢަމަލު ހިންގި ފަރާތެއް ހޯދައި، ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ބޭނުންވާ ތަޙުޤީޤު މިހާރު އެދަނީ ކުރެވެމުން، އަދި އެ މުޖުރިމުންނަށް ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދެވޭނެ" ޑިފެންސްގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުރިމަމުގައި މިފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ތަނުގެ ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ އިތުރު ބަދަލުތައް މިހާރު ގެނެވިފައި ވާކަމަށެވެ. އަދި  މިހާރު ތަރުތީބު ކުރެވިފައިވާ ހަތިޔާރު ބެލެހެއްޓުމާއި ހަތިޔާރު ދޫކުރުމާއި ބަލައިގަތުމުގެ ނިޒާމުގެ ދަށުން، ދިވެހި ސިފައިންގެ ޤާނޫނާއި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ޤަވާޢީދުތަކާއި ޚިލާފަށް ހަތިޔާރާގުޅޭ އެއްވެސް ކަމެއް ކުރިމަގުގައި އެއްވެސް ފަރާތަކަށް ނުހިންގޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ޑިފެންސްގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް