ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ވަކި ރޭންކެއް އިސްތިސްނާކުރުމެއް ނެތި ފިޔަވަޅު އަޅަން ނިންމައިފި އެވެ..
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމީ ފުލުހުންގެ އެގްޒެކެޓިވް ބޯޑާއި މެނޭޖްމެންޓް ގުޅިގެންނެވެ. އޭގައި ބުނެފައިވަނީ ފުލުހުންނާއި ގުޅުންހުރި ތަފާތު މައްސަލަ ބަލާނީ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑް މެދުވެރިކޮށް ކަމަށެވެ.
މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް ދަމަހައްޓާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ފެންނާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
"ފުލުހުންނާ ގުޅުން ހުރި މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑް މެދުވެރިކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފުލުހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި ލޮބުވެތި ރައްޔިތުންނަށް ދެމެވެ،" ފުލުހުންގެ ވެބްސައިޓުގައިވެ އެވެ.
ފުލުހުން ބުނީ މީގެ ކުރިންވެސް ފުލުހުން ކޮށްފައިވާ ތަހުގީގުތަކުގައި ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް ކކަންކަން ހިނގާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި ފުލުހުންގެ މުއައްސާއަށް މަލާމާތް ރައްދުވުމަކީ ހިތާމަހުރި ކަމެއްކަމަށެވެ.
އެހެންކަމުން ފުލުހުންގެ މުއައްސަސާގެ ގަދަރާއި ހައިބަތު ނައްތާލަން މަސައްކަތް ކުރާ ނަމަ އެކަން ހުއްޓާލަން އިލްތިމާސްކޮށްފައިވެ އެވެ.
ފުލުހުންގެ އިދާރާތެރޭގައި ހިނގާ މިފަދަ ނޭދެވޭ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުނ ފަށާފައިވާއިރު ރިޔާސީ ލޯންޗްކޮޅުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިސް ބޭފުޅުންތަކެއް ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒުގެ ދަށުގައި ތިއްބެވިކަން ތަހުގީގަށް އެނގިފައިވާކަމަށް ރައީސް އބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުންނަށް ބޭނުންވާ ރަސްމީ އަދި ނުރަސްމީ ވަސީލަތްތައް އެމްއެމްޕީއާރުސީ ތެރެއިން ހޯދައިދޭ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.
އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި އެހެން އިސް ބައެއް ވެރިން ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް