ޖަވާބު ދާރީވުމަށް އަދީބަށް 30 މިނިޓް ދޭން ފާސްކޮށްފި

ނައިބް ރައީސް އަހްމަދު އަދީބްގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް 30 މިނިޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިގޮތަށް ނ...

02 Nov 2015 | 07:13

ނައިބް ރައީސް އަހްމަދު އަދީބްގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް 30 މިނިޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިގޮތަށް ނިންމީ މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރުނެތްކަމުގެ މައްސަލައާއި ގުޅިގެނ ނައިބް ރައީސް އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވަނީ އެމަނިކުފާނު ޖަވާބުދާރީވެވަޑައިގެންނަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.  ޖަވާބުދާރިވެވަޑައިގަންނަވަނީ އެމަނިކުފާނު މަޖިލީހަށް ހާޒިރުވެވަޑައިގެން ކަމެއް ނުވަތަ ގާނޫނީ ވަކީލު މެދުވެރިކޮށް ކަމެއް އަދި ނުކުރައްވައެވެ.

ނައިބް ރައީސް އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޖިލީހަށް ވެއްދީ 52 މެންބަރުންގެ ސޮޔާއި އެކު އެވެ. އޭގެތެރޭގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުހިމެނެ އެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރު ކޯލިޝަންގައި މިވަގުތު 49 މެންބަރުން ތިއްބަވަ އެވެ. އެއީ ޕީޕީއެމްގެ 44 މެންބަރުންނާއި އެމްޑީއޭގެ ފަސް މެންބަރުންނެވެ.

މީގެ އިތުރުން ރިޔާސީ ލޯންޗަށް ދިން ހަމަލާއާއި ގުޅިގެން ޖޭޕީ ވަނީ ވަނީ ރައީސް ޔާމީނާއި އެކު  އެ ޕާޓީ އޮތްކަން ހާމަކޮށްފައެވެ. ނަމަވެސ މި ވޯޓުގައި އެޕާޓީން ވޯޓު ދޭނެ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް