ސްކޫލްތަކުގައި މިއަހަރު ހިންގާ ގިނަ ޕްރޮޖެކްޓްތައް ނުނިމޭ

އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ 42 ސްކޫލެއްގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަނުން ބުނީ މިއަހަރު 141 ޕ...

02 Nov 2015 | 04:16

އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ 42 ސްކޫލެއްގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަނުން ބުނީ މިއަހަރު 141 ޕްރޮޖެކްޓެއް ކުރިޔަށް ގެންދަން ބަޖެޓު ލިބިފައިވާއިރު 99 ޕްރޮޖެކްޓްގެ މަސައްކަތް އަދި ނުނިމޭކަމަށެވެ. އޭގެ ތެރޭގައި މިއަހަރު މަސައްކަތް ނުފަށާ މަޑުޖައްސާލާފައިވާ ހަ ޕްރޮޖެކްޓެއް ހިމެނެ އެވެ.

މިއަހަރުގެ މިހާތަނަށް ނިމިފައިވަނީ 208 ކްލާސްރޫމެއްގެ މަސައްކަތާއި، ދެ ލައިބްރަރީގެ އިތުރުން ސްޓާފް ރޫމަކާއި ހޯލަކާއި ސައިންސް ލެބަކާއި ކޮމްޕިއުޓަރު ލެބެއްގެ މަސައްކަތެވެ. މި މަސައްކަތުގެ އިތުރުން މިހާރުވެސް 42 ސްކޫލެއްގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

މީގެ އިތުރުން ސްކޫލްތައް އަޕްގްރޭޑް ކުރުމުގެ 10 ޕްރޮޖެކްޓެއް ބަޔަކާއި ހަވާލުކޮށްފައިވާއިރު އިވެލުއޭޝަންގެ މަސައްކަތް ކުރިޔަށްދާ 41 ޕްރޮޖެކްޓް އެބައޮތެވެ.

ނުނިމޭ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ލަސްވާ ސަބަބުތަކުގެ ތެރޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނިތަކުން މުސާރަ ނުދޭ މައްސަލަ ދަނީ ފާހަގަވަމުންނެވެ. އެގޮތުން އަތޮޅުތެރޭ ބައެއް ރަށްރަށުގައި އިމާރާތް ކުރަން ފަށާފައިވާ ކްލާސްރޫމްތަކުގެ މަސައްކަތް މުސާރަ ނުދީ ގިނަ މަސްތަކެއް ހުރުމުން ބިދޭސީން ދަނީ ގަސްދުގައި ލަސްކުރަމުންނެވެ.

މި އަހަރުގެ ޕީއެސްއައިޕީއަށް ލިބުނީ 238,509,528.00 ރ ( ދުއިސައްތަ ތިރީސް އަށް މިލިއަން ފަސްސަތޭކަ ނުވަހާސް ފަސްސަތޭކަ އަށާވީސް ރުފިޔާ) ގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް