ރާއްޖޭގެ މެރިކަލްޗާ ދާއިރާ އިތުރަށް ފުޅާކުރުމަށް ހަތަރު ޒޯނެއް ތަރައްގީކުރަން ނިންމައިފި

ރާއްޖޭގައި މެރިކަލްޗާ ދާއިރާ ފުޅާކުރުމަށް ހަތަރު ޒޯނެއް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ. ސެޕްޓޭމްބަރު 10 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިޤްތިޞާދުފުލާ...

02 Oct 2024 | 09:45

ރާއްޖޭގައި މެރިކަލްޗާ ދާއިރާ ފުޅާކުރުމަށް ހަތަރު ޒޯނެއް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.

ސެޕްޓޭމްބަރު 10 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިޤްތިޞާދުފުލާކޮށް ސިންދަފާތުކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްރަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މިގޮތުން ކުރިއަށް ގެންދާނެ ކަންތައްތަކެއް ނިންމަވާފައިވާކަމަށާއި، މިކަންތައްތައް ނިންމަވާފައި ވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

އެގޮތުން، އެ ބައްދަލުވުމުގައި، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާޙައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއް މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ނިންމަވާފައެވެ. މި ޒޯނުތަކުގައި ހިމެނެނީ :

1) ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު)

2) މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު

3) މުލަކަތޮޅު (މ) އަތޮޅު

4) ކޮޅުމަޑުލު (ތ) އަތޮޅު

މީގެ އިތުރުންވެސް، މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަޙައްދަކީ ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމާއި މެރިކަލްޗަރ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުން މީގެ ތެރޭގައި ހިމެނޭކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް