ކެމިކަލް ރައްކާކުރުމުގައި ހޭލުންތެރިކުރުމަށް އެމްއެންޑީއެފުން "އޮޕަރޭޝަން ހިރާސް ފާސް"ގެ ނަމުގައި އޮޕަރޭޝަނެއް ފަށައިފި

ކެމިކަލް ރައްކާކުރުމުގައި ބަޔާންކުރާ ޤަވާޢިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް، "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އޮޕަރޭޝަނެއް ފަށައިފިއ...

02 Oct 2024 | 06:30

ކެމިކަލް ރައްކާކުރުމުގައި ބަޔާންކުރާ ޤަވާޢިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް، "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަން ފެށުމުގެ ގޮތުން އިއްޔެ ކަޅުތުއްކަލާކޮށީގައި ބޭއްވި ބްރީފިންގގައި މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ފާޠިމަތު މިޒުނާ ޢަލީއާއި، އެފްއާރުއެސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުޙުރީ ބައިވެރިވެލެއްވިއެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރީ ނުރައްކާތެރި ކެމިކަލާ ބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށްތޯ ބެލުމާއި، މި ޤަވާޢިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި އެގޮތުން، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށް އެތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތްކުރާނެކަމުގައި އެމްއެންޑީއެފްއިން ބުނެއެވެ.

‏މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައިވެރިވާނެކަމުގައިވެސް އެމްއެންޑީއެފްއިން ބުނެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް