ސްކޫލް ބަންދާ ދިމާކޮށް ރާއްޖޭގެ ކުޑަކުދިންނަށް ލިބުނު އެންމެ އުފާވެރި ޚަބަރަކަށް ވެގެންދިޔައީ އެކުދިންގެ ހީރޯ ރޮބޯމޭންގެ ފިލްމު "ރޮބޯމޭން – ދަ މޫވީ" އޮލިމްޕަސް ސިނަމާގައި އެޅުވުމެވެ.
ޒަމާންތަކަކަށްފަހު ކުޑަކުދިންނަށްވެސް އޮލިމްޕަހަށް ގޮއްސަ ސިނަމާގައި ފިލްމެއް ބަލާލަންދާން ފުރުސަތު ލިބިގެންދިޔައީ މި ފިލްމާއެކުއެވެ.
ސެޕްޓެމްބަރު 26ވަނަ ދުވަހު މި ފިލްމު ރިލީޒްކުރުމާއެކު މި ފިލްމަށްދަނީ ގިނަބައެއްގެ ތަރުޚީބު ލިބެމުންނެވެ. އެންމެ ފާހަގަކުރެވޭ އެއްކަމަކީ ކުރިން ބެލެވުނު ގޮތާ ޚިލާފަށް ކުޑަކުދިންނެކޭ އެއްވަރަށް ބޮޑެތި މީހުންނަށްވެސް މި ފިލްމު ކަމުދިއުމެވެ. ރައްޓެހިން ގްރޫޕް ހަދާފައި އޮލިމްޕަހަށް މި ފިލްމު ބަލަންދާ މަންޒަރު އޮލިމްޕަސް ސިނަމާ ކައިރި ބަލާލީމަ އެބަ ފެނެއެވެ. އެހެންކަމުން މި ފިލްމަކީ ހަމައެކަނި ކުޑަކުދިންގެ ފިލްމެކޭ މިހާރު ބުނެވޭކަށްނެތެވެ. ރޮބޯމޭން – ދަ މޫވީ އަކީ ބޮޑެތި މީހުންގެވެސް ފިލްމެކެވެ. އަދި ރޮބޯމޭންއަށް ބޮޑެތި މީހުންގެ މެދުގައިވެސް އޮތް މަގްބޫލުކަން ވަރަށް ސާފުކޮށް އެބަ ފެނިގެންދެއެވެ.
ރޮބޯ މޭން މި ފިލްމަކީ ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އޯރކޭޒް އިންކް އަދި މީޑިއާނެޓްގެ ވީޑިއޯކްލަބް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ބަލަން ދިޔަ ފަރާތްތަކުންދަނީ މި ފިލްމަށް ތަޢުރީފުގެ ބަސްތައް އޮއްސަމުންނެވެ. ޚާއްސަކޮށް ރޮބޯމޭން އާއެކު މި ފިލްމުގެ މައިރޯލުން ފެނިގެންދާ އަމީލިއާ އަދި މިޝާގެ އެކްޓިންގް އާއި ނެށުމުގެ ހުނަރުތައް ގިނަބަޔަކަށްވަނީ ކަމުގޮއްސައެވެ. މި ފިލްމުގައި މުޖުތަމައަށް ވަރަށް ފުރިހަމަ މެސެޖުތަޖެއްވެސް ވަނީ ދޫކޮށްލާފައެވެ. ޚާއްސަކޮށް އާއިލީ ގުޅުންތަކުގެ މުހިންމުކަން ވަރަށް ފުރިހަމައަށްވަނީ ގެނެސްދީފައެވެ.
މި ފިލްމު ބަލާލުމަށް 30 ސެޕްޓެމްބަރުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހިމް ވަހީދުވެސް ވަނީ ފިޔަވަތި ހިޔާގައި ތިބޭ ކުޑަކުދިންނާއެކު އޮލިމްޕަސް ސްކްރީނަށް ދުރުވެފައެވެ. މި ފިލްމުގެ ޝޯވްތައް 05 އޮކްޓޫބަރާ ހަމައަށް އޮލިމްޕަސް ސްކްރީނުގައި އަޅުވާނެއެވެ. ޓިކެޓް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ. މި ފިލްމު މިހާރުދަނީ ބައެއް ރަށްރަށުގައި އެޅުވުމަށްވެސް ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް