ކުއްލި ކޮރަޕްޝަންތަކެއް ރާވާކަމުގެ މައުލޫމާތު އެބަ ލިބޭ – މި ތިބީ ފާރަވެރިވެ: އޭސީސީ

އިންތިގާލީ މި ދަނޑިވަޅުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުއްލި ކަންތައްތަކެއް ކުރަން ރާވާކަމުގެ މައުލޫމާތު އެބަ ލިބޭ ކަމަށާއި މިތިބީ ފާރަވެރިވެ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެ...

02 Oct 2023 | 17:22

އިންތިގާލީ މި ދަނޑިވަޅުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުއްލި ކަންތައްތަކެއް ކުރަން ރާވާކަމުގެ މައުލޫމާތު އެބަ ލިބޭ ކަމަށާއި މިތިބީ ފާރަވެރިވެ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ހިންގުމުގެ ބާރާ، އައު ސަރުކާރުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މި ދަނޑިވަޅުގައި، ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާކަމުގެ ގިނަ ޝަކުވާތަކެއް ކޮމިޝަނަށް ލިބެމުންދާތީ، ސަރުކާރު އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރާނެ ގޮތްތަކެއް އަންގާ ކަމަށެވެ.

އެ ގޮތްތަކަކީ:-

  • މުޅިން އައު ޕްރޮޖެކްޓެއް ނުފެށުން
  • ހަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް އަމަލުނުކުރުމަށާއި، ކުރަންޖެހޭ ހަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ހަރަދުތައް ނުކުރުން
  • ކުރިން ބަޖެޓްކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައިނުވާ އައު ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ނުކުރުން
  • ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ އަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަ ނަމަ އެފަދަ ނިންމުންތައް ނުނިންމުން
  • ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު އަދި ފައިސާއާއި، ވިޔަފާރިއާއި މުއާމަލާތްތަކާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނައްތައިނުލުން

އެ ކޮމިޝަނުން ބުނެފައިވަނީ މި ކަންކަމަށް އޮފީސްތަކާއި، އިދާރާތަކާއި، ކުންފުނިތައް އަދި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ސަމާލުކަން ދެއްވުން އެދޭ ކަމަށާއި އަދި މި ދަނޑިވަޅުގައި އިސްވެދެންނެވުނު ފަދަ އަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެ މައުލޫމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް އިލްތިމާސްކުރާކަމަށެވެ.

" ކޮމިޝަނުން މި ގެންދަނީ އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގު ކުރަންޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުން" އޭސީސީއިން ބުނެފައިވެއެވެ.

އޭސީސީން އިތުރަށް ބުނެފައިވަނީ އެފަދަ އަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް