ހިސާބު ޓީޗަރަށް ހަދައި ޖޯކު ޖެހިޔަސް ހަމަ އަދުރޭ ވަރެއް ނެތް!

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައި ވާއިރު، އެކަމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި އެކަކަށް ވާނީ އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބް...

02 Oct 2023 | 14:36

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައި ވާއިރު، އެކަމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި އެކަކަށް ވާނީ އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ކޯލިޝަންގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލު ހުކުމް އިއްވައި ޖަލަށް ދާން ޖެހުނު ހިސާބުން ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވީ އަދުރޭއެވެ.

އޭރުން ފެށިގެން ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ޕީޕިއެމް/ޕީއެންސީ ކޯލިޝަން ދިޔައީ ވަރަށް އެކްޓިވްކޮށް ހަރަކާތްތެރި ވަމުންނެވެ. ޕާޓީގެ އެތެރޭގަޔާއި ދެ ޕާޓީގެ ދެމެދުގައި ޖެހޭ ކުނިތަކާއި އަޅާ ރެނދުތައް ފޮރުވާ ފަސް އަޅަމުން ކޯލިޝަން ގޮވައިގެން އަމާން ބަނދަރަކަށް ވާސިލްވި އިރު އޮޑީގެ މާލިމީކަމުގައި ހުންނެވީ އަހަރުމެން މިކިޔާ 'ހިސާބު ސަރ'އެވެ.

އިންތިހާބާ ކައިރިވެގެން އައިއިރު، ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް ޖެހި އެ ޕާޓީ ދެފަޅިވިއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީން ވަކިވެ، ވަކި ޕާޓީއެއް އުފެއްދިއެވެ.

މި އިންތިހާބު އެމްޑީޕިއަށް ނާކާމިޔާބުވި އެއް ސަބަބަކީ އެއީ ކަމަށް އެމްޑީޕީގެ މެމްބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ދެކިލައްވައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ އެއްވަރުކުރަން ރައީސް ސޯލިހަށް މަދުވީ، ނަޝީދާއެކު ދިޔަ ބޭފުޅުން އުފެއްދެވި ޕާޓީއަށް ދިޔަ ވޯޓެވެ. އެބައި ލިބުނު ނަމަ ފުރަތަމަ ބުރުގައި އެ ނަތީޖާ ނުނިކުތީހެވެ.

ޕީޕިއެމް/ޕީއެންސީ ތެރޭގައިވެސް ހިޔާލު ތަފާތުވުން އުފެދި، ބައިބައިފުމުގެ 'ތުންފަތްމައްޗަށް' ދިޔައެވެ.

އިންތިހާބުގެ ތައްޔާރީތައް ވަމުން އައިއިރު އެ ކޯލިޝަނުން ރިޔާސީ ކެނޑިޑޭޓެއްކަމަށް ކަނޑައެޅީ ރައީސް ޔާމީނެވެ. ނަމަވެސް ޖަލު ހުކުމުން ސަލާމަތް ނުވެވި، ޔާމިނަށް އިންތިހާބުގައި ވާދަ ކުރެވޭ ގޮތެއް ނުވިއެވެ. އެހިސާބުން ޔާމީން އެދިވަޑައިގެންނެވީ އިންތިހާބު ބޮއިކޮޓް ކުރާށެވެ.

ނަމަވެސް އެ ކޯލިޝަންގެ ސެނެޓްގެ ބައްދަލުވުމަށްފަހު ސެނެޓުން ނިންމީ އިންތިހާބުގައި ވާދަ ކުރުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ.

އެކަމާ ގުޅިގެން ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި، ވަރަށް ބޮޑަށް ކަންކަން ގޯހުން ގޯހަސް ދިޔައެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީން ވަކިވެ، ޕީއެންސީއަށް ބަދަލު ވުމަށްފަހު ޕީއެންސީގެ ޓިކެޓްގައި އިންތިހާބަށް ނުކުންނަން ނިންމެވިއިރުވެސް ރައީސް ޔާމީންއާއި ޕީޕިއެމްގެ ބައެއް މެމްބަރުން އެކަމާ ހިތްހަމައެއް ނުޖެހެއެވެ. އަދި އެ ނިންމުން ގަބޫލެއްވެސް ނުކުރައްވައެވެ.

ޕީއެންސީގެ ތެރޭގައި ބޭއްވި ޕްރައިމަރިއަކަށް ފަހު ޓިކެޓް ހޯއްދަވައި، އިލެކްޝަންސްއަށް ކެނޑިޑެންސީ ފޯމު ހަވާލު ކުރަން ޑރ. މުއިއްޒު ވަޑައިގެންނެވި އިރުވެސް އެކަމުގެ ހިތްހަމަ ނުޖެހުން އެ ކޯލިޝަންގެ ތެރޭގައި އޮތެވެ.

ރައީސް ޔާމީން، ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަ ކުރީ ފޯމު ހުށަހަޅަން މުއިއްޒު ދަރުބާރުގެއަށް ވަޑައިގެން ހުންނަވަނިކޮށެވެ. ކޯލިޝަން ހަމަޖެހުނީ އެހިސާބުންނެވެ.

މި ހުރިހާ ކެމެއް ހިނގާ ދިޔަ އިރުވެސް ކެތްތެރިކަމާއި ހިކުމަތްތެރި ކަމާއެކު ކޯލިޝަންގެ ހުންގާނުގައި ހުންނެވީ އަދުރޭއެވެ. ޑރ. މުއިއްޒުގެ ފަހަތްފުޅުގައި، އެންމެ ކައިރީގައި ހުންނެވީ އަދުރޭއެވެ. 'ކުޑަކުޑަ' ޕީއެންސީއިން ކެނޑިޑޭޓަކު ނެރެ، އެ ކެނޑިޑޭޓަށް މަގު ކޮށައިދޭން ކުރީގައި ހުންނެވީ 'ނުބައިކޮށް ހިސާބު ޖައްސަވާ' އެ އަދުރޭއެވެ.

އެހެންކަމުން ޕީޕިއެމް/ޕީއެންސީ ކޯލިޝަންގެ މި ކާމިޔާބީގައި އެންމެ ބޮޑަށް ޝުކުރު ހައްގު ވާނީ އަދުރޭއަށެވެ. ހަމަ ހަގީގަތުގައިވެސް އަދުރޭ ވަރެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް