ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހަޅާ ކަމެއްގެ ގޮތުގައި، ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގެ ދަށުން ފައިސާ ޗާޕު ކުރުމަށް ސަސްޕެންޑުކުރި މާއްދާ އުވާލަދޭން ހުށަހަޅުއްވާނެކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ޗެނަލް 13 އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއެއްގައެވެ.
އެ އިންޓަވިއުގައި ޑރ. މުއިއްޒު ވިދާޅުވީ ފުރަތަމަ އިސްކަން ދެއްވާނީ ފޮރިން ޕޮލިސީ އަދި އިގްތިސޯދާ ގުޅޭ ކަންކަމުގެ މައްޗަށް ކަމަށެވެ.
"ފައިސާ ޗާޕެއް ނުކުރާނަން އަޅުގަނޑެއް، ދެން އެކަމާ އެކީގައި ކުރިއަށްދާނީ" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ ތިން މަސް ދުވަހަށް އަދި ފަސް އަހަރަށް ޕްލޭން ހަދާއިރު އެންމެ އިސްކަންދޭ އެއްކަމަކަށްވާނީ ހާރިޖީ ސިޔާސަތު ކަމަށެވެ. އެގޮތުން ގެންގުޅުއްވާނީ ޕްރޯ މޯލްޑިވްސް ހާރިޖީ ސިޔާސަތެއް ކަނޑައެޅުމުގައި ބަލާނީ ގައުމުގެ މިނިވަންކަން އިސްކޮށްގެން ކުރެވޭ ކަމެއްގެ ގޮތުގައި ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.
"އިގްތިސޯދީ ގޮތުން ގައުމަށް ކުރިމަތިވެފަ މި އޮތް ދަތި ދަނޑިވަޅުން ނަގާ ކޮޅަށްޖެހުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިގަންނާނަން" އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އިންތިގާލީ މަރުހަލާގައި ލިބޭ ދޮޅުމަސް ދުވަހުގެ ތެރޭގައި ޓްރާންޒިޝަން ޓީމްތަކާއި ކޮމިޓީތައް ސަރުކާރުގެ އިދާރާތަކަށް ގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް އަދި މެނިފެސްޓޯގެ މައްޗަށް ޕްލޭނެއް އެކުލަވާލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް