ޑރ. މުއިއްޒަށް ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައިފި

މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލުގެ މޭޔަރުގެ ގޮތުގައި ހުންނަވައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް މާލޭ ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައިފިއެވެ. އެގޮތުން އެ ކައުންސިލ...

02 Oct 2023 | 09:13

މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލުގެ މޭޔަރުގެ ގޮތުގައި ހުންނަވައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް މާލޭ ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައިފިއެވެ.

އެގޮތުން އެ ކައުންސިލުން މިއަދު ބުނެފައިވަނީ މާލޭ ސިޓީގެ މޭޔަރގެ ހައިސިއްޔަތުން މާލޭ ސިޓީއަށާއި މާލޭ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އަދި ރާއްޖޭގެ އެހެން ބައެއް ރަށްރަށަށްވެސް ޚިދުމަތްކުރައްވަމުން ގެންދަވަމުން، ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބް ކާމިޔާބުކުރެއްވި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކާމިޔާބީ ފާހަގަކޮށް މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ވަރަށް އިޚްލާސްތެރިކަމާއެކު މަރުހަބާ ދަންނަވާކަމަށެވެ.

"މާލޭ ސިޓީގެ މޭޔަރ ކަމުގައި ހުންނަވައިގެން ފާއިތުވި ދެ އަހަރު ދުވަހު މާލޭ ސިޓީއަށް ޚިދުމަތްކުރެއްވުމުގައި ނުހަނު ބުރަކޮށް މަސައްކަތްކުރައްވައި ސިޓީ ކައުންސިލްގެ ހިންގުން ރަނގަޅުކުރައްވައި ހަރުދަނާކުރައްވައި، ޚިދުމަތްތައް ފުޅާކުރައްވައި ޒަމާނީ ހަލުވި ޚިދުމަތްތަށް ތަޢާރަފްކުރެއްވިކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ. ލާމަރުކަޒީ ޤާނޫނުން ލާޒިމްކުރާ ކަންކަން އޭގެ ފުރިހަމަ މަޚްފޫމްގައި ތަރުތީބުން ކުރައްވައި ކައުންސިލްގެ އާމްދަނީ އިތުރުކުރައްވައި، ރައްޔިތުންގެ އަޑުއައްސަވައި މަޝްވަރާކުރައްވައި ރައްޔިތުން ގާތަށްވަޑައިގެން ޙާލުބައްލަވައި މަޝްވަރާ ބައްދަލުވުންތައް ބޭއްވިކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ." ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލްގެ ޓީމް ގޮވައިގެން މުއިއްޒު މަސައްކަތްކުރެއްވި ދުވަސްތަކަކީ މުވައްޒަފުންނަށް އުފާވެރިކަން ގެނެސްދިން ކަމަށާއި މުވައްޒަފުންގެ އަގުވަޒަންކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރެއްވި އަދި މަސައްކަތްކުރުމަށް މަގުފަހިކޮށްދެއްވި ދުވަސްތަކެއްކަން ފާހަގަކުރާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ ޑރ. މުއިއްޒަކީ ޝައުގުވެރިކަމާ މުރާލިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާ ބޭފުޅަކަށްވީހިނދު މިއަދު ސިޓީ ކައުންސިލް ދޫކުރައްވައި ތިޔަ ވަޑައިގަންނަވަނީ އެއަށްވުރެ މަތިވެރި އަމާނަތާ ޙަވާލުވެވަޑައިގެން އެއަށްވުރެ މަތިވެރި ޚިދުމަތްތަކެއް ޤައުމަށް ކުރެއްވުމަށްކަމުގައިހެޔޮހިތުން ޤަބޫލުކުރާހިނދު މަނިކުފާނުގެ ޚިދުމަތުގެތެރޭގައި މި ސިޓީވެސް ހިމެނިގެންދާކަމީ ލިބޭ ޝަރަފެއްކަމުގައި ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް