ވެރިކަމަށް އަންނާނެ ބޭފުޅަކު ރައްޔިތުންގެ ވޯޓުން ނިންމުމުން އެ ނިމުނީ ކަމަށާއި، އެކަމަށް ޗެލެންޖު ކުރުމަށްފަހު ކޯޓަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މީގެ ކުރީގެ އިންތިހާބުން ޕީޕިއެމް ބަލިވުމުން ވަނީ އިންތިހާބުގެ ކަންކަން ދިޔަ ގޮތުން ހިތްހަމަ ނުޖެހި ކޯޓަށް ގޮސްފައެވެ.
އެކަމަށް އަލިއަޅޫވާލައި ރައީސް ވިދާޅުވީ، ސިޔާސީ ކަންތަކުގައި އޮންނާނީ ކާމިޔާބާއި ނާކާމިޔާބު ކަމަށެވެ. އަދި ރައްޔިތުން ނިންމީމަ އެ ނިމުނީ ކަމަށެވެ. އެކަމަށް ޗެލެންޖެއް ކޮށްފައި ކޯޓަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އިންތިހާބަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުން އިލެކްޝަންސް ކޮމިޝަނަށް ދެއްވާފައި ވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ގާނޫނީ އިމުގެ ތެރޭގައި ސުލްހަވެރިކަމާއި ހަމަޖެހުމަށް ބޭއްވުމަށް މަސައްކަތް ކުރައްވާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ފޭބުމުން ވަރަށް ހުސްވާނެ ކަމަށާއި ނަމަވެސް އަދި ރިޓަޔަކޮށްފައި ގޭގަ ހުންނަހާ ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދެން ކުރިއަށް ދާނެ ވަކި ދާއިރާއެއް ނިންމާފައި ނުވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ކޮންޓްރިބިއުޓް ކޮށްދެވޭނެ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމަށެވެ. އެގޮތުނއ ނޫސްވެރިކަމުގެ ތެރޭގައިވެސް އުޅެފައި ހުންނަވާނެ ކަމަށާއި ފޮޓޯވެސް ނަންގަވާފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި ކޮލަމް ލިޔެ، ނުވަތަ ފޮޓޯގްރާފަރެއްގެ ގޮތުގައިވެސް އުޅުއްވެވި ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް