"ހެޔޮ ވެރިކަމެއް ކުރެވިއްޖެކަމަ ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ކުރެއްވި މަސައްކަތްތަކާމެދު ވަކި ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިްއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ވެރިކަމުގެ މި ދައުރުގައި އާ ތަޖުރިބާތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ. ވެރިކަމަށް ހަވާލުވެވަޑައިގެންނެވީ 25 އަހަރުގެ ސިޔާސީ ތަޖުރިބާއާއެކު ކަމުގައި ވީ ނަމަވެސް، ވެރިކަމުގެ ކޮންމެ ދުވަހަކީ އާ ތަޖުރިބާއެއް ލިބިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ހިޔާލު ތަފާތު އެތައް ބައެއް ގޮވައިގެން ކޯލީޝަނަކާއެކު މަސައްކަތް ކުރުން ވެގެން ދިޔައީ ބުރަ މަސައްކަތަކަށް ކަމަށެވެ.
ނަމަވެސް ތަފާތު ހިޔާލުތަކާއެކު މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ލާބަ ހުރި ގޮތް ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިކަމުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު ތަރުތީބު ކޮސްލަން އަދި އަވަސްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ހެޔޮވެރިކަމެއް ކުރެއްވިއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
" ޖަޖު ކުރައްވާނީ ރައްޔިތުން، ހެޔޮ ވެރިކަމެއް ކުރެވުނު ކަމަށް ގަބޫލުކުރަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވެރިކަމުގެ ދައުރުގައި ސުލްހަޔާއި ހަމަޖެހުން ގާއިމްކޮށްދެވުނު ކަމަށާއި، ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތް ހަމަޖައްސައިދީ، ރަށްތަކަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި ކޮވިޑުގެ އާލަމީ ވަބާއިން އަރައިގަތުމަށް ކާމިޔާބުމަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް