އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މަގާމާ ހަވާލުވުމުގެ ހުވާކުރެއްވުން ނޮވެމްބަރު 17ގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ތައްޔާރީތައް ފަށައިފިއެވެ.
މިކަން ހާމަކޮށް އެ އިދާރާއިން މިއަދު ބުނީ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަޤާމާ ޙަވާލުވުމުގެ ކުރިން މަޤާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިކަމުން، 17 ނޮވެންބަރު 2023 ވާ ހުކުރު ދުވަހު އެ ޖްލަސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ ވާހަކަ ދަންނަވާކަމަށެވެ.
މަޖިލީހުން މިހެން ބުނެފައިވާއިރު ޑރ. މުއިއްޒަށް 11 ނޮވެމްބަރުގައި ހުވާ ކުރެއްވޭނެ އިންތިޒާމު ހަމަޖެއްސުމާއިމެދު މިހާރު އޮތް ރައީސް ސޯލިހްގެ ސަރުކާރުން ގާނޫނީ ލަފާ ހޯދަމުންދިޔަކަން ހާމަވެފައިވެއެވެ.
2013 ވަނަ އަހަރާއި ހަމައަށް ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އެއީ އޭގެ 55 އަހަރު ކުރިން 1968 އިން ފެށިގެން އަމަލުކުރަމުން އައި ގޮތެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް 2013 ގައި ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެ ތާރީހު ނޮވެމްބަރު 17 އަށް ބަދަލުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް