އަހިންސަ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ގަދަބާރާއި، އަނިޔާވެރިކަމާ ދުރުވެ ތިބުން: ރައީސް ސާލިހު

ގެނެވޭ ބަދަލެއްގެ ފޮނިމީރުކަން ގުޅިފައި އޮންނަނީ އެގެނެވޭ ބަދަލަކުން ރައްޔިތުންގެ ތެރޭގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި، އަމާންކަމެއްގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙ...

02 Oct 2022 | 18:52

ގެނެވޭ ބަދަލެއްގެ ފޮނިމީރުކަން ގުޅިފައި އޮންނަނީ އެގެނެވޭ ބަދަލަކުން ރައްޔިތުންގެ ތެރޭގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި، އަމާންކަމެއްގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ އަހިންސަ (ނަން-ވަޔަލެންސް) ދުވާހާއި ގުޅިގެން ދެއްވި މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ގަދަބާރާއި ތަޅާފޮޅުމާއި އަނިޔާވެރިކަމުގެ ތެރެއިން ގެނެވޭ ބަދަލަކީ އޭގެ ފަހަތުގައި ޞުލްޙައާއި އަމަން އަމާންކަން ދެމި އޮންނަ ކަމެއް ނޫންކަމުގަ އެވެ.

އެ މެސެޖްގައި އެމަނިކުފާނު ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ އަހިންސަ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ގަދަބާރާއި، އަނިޔާވެރިކަމާ ދުރުވެ ތިބެ، އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށާއި، އެކަމަށް މަސައްކަތްކުރަން ޖެހޭ އިރު، އެ ކުރާ މަސައްކަތަކީ ގަދަބާރާއި، ތަޅާފޮޅުމާއި، އަނިޔާވެރިކަމާ ދުރުވެތިބެ ކުރާ މަސައްކަތަކަށް ހެދުން މުހިންމު ކަމުގައި ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ އަހިންސަ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދުވަހާގުޅޭ ބެޖެއް ހަދިޔާކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އަހިންސަ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ ޞުލްޙަވެރިކަމުގެ ސަޤާފަތެއް ދުނިޔޭގައި ފެތުރުމުގެ ބޭނުމުގައި އ.ދ. އިން 2007 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް