އަންނައަަހަރުގެ އެންމެބޮޑު އަމާޒަކީ ސިއްހީ ދާއިރާގެ ކަންކަން ރަނގަޅުކޮށް އިތުރަށް ހަރުދަނާ ކުރުން: ރައީސް ސާލިހު

އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވ...

02 Oct 2022 | 18:45

އަންނަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މި ބައްދަލުކުރެއްވުމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުޅި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ޞިއްޙީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުން މިހާރުވެސް ޞިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެހެންނަމަވެސް ޞިއްޙީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ފާހަގަކުރެވިފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޞިއްޙީ މަރުކަޒުތަކުގެ އިސްވެރިން ވަނީ މިދައުރުގައި ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ޚިދުމަތާއި ބޭސްލިބުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމާއި، އަދި ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރަން ކަނޑައަޅުއްވާފައިވާ ބައެއް ކަންކަމާއި އަދި މިހާރު އެކި މަރުޙަލާތަކުގައި ހުރި ޞިއްޙީ ދާއިރާގެ ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފަ އެވެ.

އެމަނިކުފާނު ވަނީ ކުރިޔަތް އޮތް ދުވަސްތަކުގައި ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގެ ބައިވެރިންނަށް އަރުވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޚާއްޞަކޮށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މީގެ ކުރީގެ ސަރުކާރަކުން ނުދޭހާ ސަމާލުކަން މިސަރުކާރުން ދެއްވަމުންގެންދަވާކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް