ހުޅުމާލޭ ދެވަަނަ ފިޔަވަހިން ގެއްލިގެން ރިޕޯޓު ކުރި މުހައްމަދު އަޒްހާންގެ ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް އެނބުރި ނުގޮސްގެން ފުލުހުންނަށް ރިޕޯޓު ކުރީ 19 ވަނަ ދުވަހުގެ ރޭ އެވެ. ފުލުހުން އޭނާ ހޯދުމުގެ އޮޕަރޭޝަން ފެށި ފަހުން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި ޓެކްސީއެއްގައި ގޮސް އޭނާ އެންމެ ފަހުން ފައިބާފައި ވަނީ ހުޅުމާލޭ ރެޑްބުލް ދަނޑު ސަރަހައްދަށެވެ.
އޭނާގެ ހަށިގަނޑު ފެނުނީ އެތަނާއި ދުރުނޫން، ހުޅުމާލޭ ސަހަރާ ބިއްދޮށުގައި އޮންނަ ބޯ ގަސްތަކުގެ ތެރެއިންނެވެ. ފުލުހުންނަށް އޭނާގެ ހަށިގަނޑު ފެނުނީ މިއަދު ހަވީރު 5:45 ހާއިރު އެވެ.
އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު މިރޭ ވިދާޅުވީ އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ އުއްޑުން ކަމަށެވެ. އަދި އެ ސަރަހައްދުން ވަރަށް ކުނި ވަސް ދުވާ ކަމަށާއި ހަށިގަނޑުވެސް އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ.
އޭނާ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ފާސްކުރަން ފެށީ ކުނި ވަސް ދުވާތީ ނޫން ކަމަށް ސައީދު ވިދާޅުވި އެވެ. އެ ސަރަހައްދު ބަލާ ފާސް ކުރަން ފެށީ ސީސީޓީވީ ފުޓޭޖުން އޭނާ އެންމެ ފަހުން ދިޔަ ސަރަހައްދަކީ އެތަނާއި ކައިރި ތަނަކަށް ވުމާއި އޭގެ ފަހުން މަރުވެފައި އޮއްވަ ފެނުނު ތަނާއި ކައިރިން ލިބުނު ސީސީޓީވީ ކެމެރާ ފުޓޭޖުތަކަކުން އަޒްހާން އެ ދިމާލުން ފެނިގެންނެވެ.
ސީސީޓީވީ ފުޓޭޖުން އޭނާ އެ ސަރަހައްދަށް ދިޔަކަން އެނގޭ ކަމަށް ފުލުހުން ހާމަ ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެކަމަކު މިރޭގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އަޒްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަލާ ފާސް ކުރަން ފެށީ މިއަދު އެވެ.
ފުލުހުން ވަނީ އަޒްހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައި އެވެ. އެ އިދާރާއިން ބުނީ އަޒްހާންގެ މަރާއި އެހެން ބަޔަކާއި ގުޅުމެއްވާކަން އަދި ތަހުގީގަށް އެނގިފައި ނުވާ ކަމަށެވެ.
އެ ސަރަހައްދުން ޝައްކު ކުރެވޭ އެއްޗެއް ފެނިފައި ނުވާއިރު އަޒްހާންގެ ފޯނުވެސް އަދި ނުފެންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ ދެން މި މައްސަލަ ތަހުގީގު ކުރާނީ މަރުގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް