ޕްރިމިއާ ލީގުގެ އެންމެ ބޮޑު އަދި އެންމެ ތާރީޚީ މެޗު ކަމުގައިވާ މެންޗެސްޓަރ ސިޓީ އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ ޑާބީ މެޗުގެ ފުރަތަމަ އެގާރައިންވެސް ފޯވާޑް ކްރިސްޓިއާ ރޮނާލްޑޯއަށް ފުރުސަތު ނެއްކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މީގެ ކުރިން އަނިޔާގައި ހުރި މާކަސް ރަޝްފޯޑް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވީ ނަމަވެސް، މިއަދުގެ މެޗަށް ފިޓް ނުވާނެ ކަމަށް ކުރިން ވަނީ ބެލެވިފައެވެ. ނަމަވެސް މިއަދުގެ މެޗުގެ ކުރިން ހެދި ފިޓްނަސް ޓެސްޓުން ރަޝްފޯޑް ވަނީ ފާސްވެފައެވެ. އެހެން ކަމުން މިއާއި އެކު ރޮނާލްޑޯއަށް ވަނީ ފުރަތަމަ އެގާރައިގެ ފުރުސަތު ގެއްލި ބެންޗުގައި އިންނަން ޖެހިފަކަމަށް ރިޕޯޓުގައި ވެއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފައިވަނީ ރަޝްފޯޑާއި މާޝިއަލް މިއަދުގެ މެޗަށް ފިޓްވާނެ ކަމާއި މެދު އެއްޗެއް ބުނަން ނޭންގޭ ކަމަށެވެ. ނަމަވެސް މި ދެ ކުޅުންތެރިން ވެސް ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ކަމަށް އޭނާ ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރަޝްފޯޑްގެ މެޗް ފިޓްނަސް ޓެސްޓުތައް ހެދީ މިއަދުގެ ވަގުތެއްގައެވެ. މި ޓެސްޓުތަކުން އޭނާ ވަނީ ފުރިހަމައަށް ފާސްވެފައެވެ. އެހެން ކަމުން މިއަދުގެ މެޗުގެ ފޯވާޑް ލައިންގައި އިސްކޮށް ހަރަކާތްތެރިވާނީ ރަޝްފޯޑް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް މިއަދުގެ މެޗުގައި މާޝިއަލްއަށް ކުލެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް