މެންޗެސްޓަރ ޔުނައިޓެޑުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އަސްލުކުޅުމަށް އަދި އެނބުރި އަންނާނެ ކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރްކެ ޓެން ހާގް ބުނެފިއެވެ.
މިއަދު މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާއި ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ރޮނާލްޑޯ އަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ކުޅުންތެރިއެއް ކަމަށާއި މިވަގުތު ރޮނާލްޑޯ އޭނާގެ އަސްލު ފޯމަށް އެނބުރި ނައުމަކީ މާ ބޮޑުމައްސަލައެއް ނޫން ކަމަށެވެ. މިއަދު ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމަކަށް އުންމީދު ކުރާ ކަމަށްވެސް ޓެން ހާގް ބުންޏެވެ.
ޓެން ހާގް އިތުރަށް ބުނީ މިއަދުގެ މެޗުގައި ރޮނާލްޑޯ ތަފާތު ދައްކައިފި ނަމަ އެއީ އޭނާއަށް ފާޑު ކިޔާފަރާތްތަކަށް ދެވޭނެ އެންމެ ރަނގަޅު ރައްދުކަމަށެވެ.
" އަހަރެން ގަބޫލް ކުރަނީ ރޮނާލްޑޯ އަދި އޭނާގެ އަސްލު ކުޅުމަށް އެނބުރި އަންނާނެ ކަމަށް. އެކަމަށް ޝައްކެއްވެސް ނުކުރަން. ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް. އެދުމަކީ މިއަދު ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި މޮޅު ކުޅުމެއް ދައްކާ ރޮނާލްޑޯއަށް ފާޑުކިޔާ ފަރާތްތަކަށް ރަނގަޅު ރައްދެއް ދިނުން." ޓެން ހާގް ބުންޏެވެ.
ޓެން ހާގް އިތުރަށް ބުނީ ރޮނާލްޑޯ އަކީ އޭނާ ވަރަށް ބޮޑަށް އިތުބާރު ކުރާ ކުޅުންތެރިއެއް ކަމަށާއި ޔުނައިޓެޑުގައި ރޮނާލްޑޯގެ ދައުރު ބޮޑުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް