މެންޗެސްޓަރ ޑާބީ، ވަރުގަދަ ކުރިމަތިލުމަކަށް ޔުނައިޓެޑް އަދި ސިޓީ މިއަދު ނުކުންނަނީ

މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ "މެންޗެސްޓާ ޑާބީ" މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފޯރިގަދަ އަދި އެންމެ ގިނަ ބަޔަކު ބަލާ އެއް ކުރިމަތިލުމެވެ. ހުރިހާ ގޮތަކުން ވެސް ހާއްސަ...

02 Oct 2022 | 10:01

މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ "މެންޗެސްޓާ ޑާބީ" މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފޯރިގަދަ އަދި އެންމެ ގިނަ ބަޔަކު ބަލާ އެއް ކުރިމަތިލުމެވެ.

ހުރިހާ ގޮތަކުން ވެސް ހާއްސަ މި މެޗަށް ދެ ޓީމުން މިއަދު ނުކުންނަ އިރު މި ދެޓީމަކީ ޕްރމިއަރ ލީގުގެ ތާރީޚުގައި ވަރަށް ވާދަވެރި މާޒީއެއް އޮތް ދެ ޓީމެވެ. މި ސީޒަނުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާއިރު، މި މެޗުވެގެންދާނީ ލީގުގައި ކުރި ހޯދުމަށް ދެ ޓީމަށްވެސް މޮޅުވުން މުހިންމު މެޗަކަށެވެ.

ޔުނައިޓެޑުން މިފަހަރުގެ ސީޒަން ފެށީ އައު ކޯޗަކާއި އެކު ނަމަވެސް ވަރަށް ދައްކޮށެވެ. ޔުނައިޓެޑުން ލީގުގައި ފުރަތަމަ ކުޅުނު ދެމެޗުން ވެސް ބަލިވިއެވެ. އެއީ ސީޒަން ފެށުމުގެ ގޮތުން ބަރައިޓަންއާއި ދެކޮލަށް ކުޅުނު މެޗާއި ދެވަނައަށް ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. ނަމަވެސް ފަހުން ހެދި ޓްރާންފާތަކާއި އެކު ޔުނައިޓެޑު ވަރުގަދަވެގެންދިޔައެވެ. އެގޮތުން ޖެހިގެން އައި ހަތަރު މެޗުންވެސް ޔުނައިޓެޑުން ކާމިޔާބު ކުރީ ފަސޭހަކަމާއި އެކުގައެވެ. ލިވަޕޫލް އާއި އާސެނަލް ފަދަ ވަަރުގަދަ ބާރުތައް އަތްދަށުލީ ނުހަނު ފަސޭހަކަމާއި އެކުގައެވެ.

ޔުނައިޓެޑުގެ މިހާރުގެ ތަރިންނަކީ އެ ޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ އެންޓޮނީއާއި، އެރިކްސަން އަދި ޑިފެންޑަރު މާޓިނޭޒްއެވެ. މީގެ އިތުރުން ރަނގަޅު ފޯމެއްގައި ތިބި މާކަސް ރަޝްފޯޑާއި އެންތަނީ މާޝިއަލް ވެސް ފާހަގަކޮށްލެވެއެވެ. މި ދެކުޅުންތެރިން އަނިޔާގެ މައްސަދިމާވެ ބައެއް މެޗުތައް ގެއްލުނު ނަމަވެސް މިހާރު ވަނީ ޓީމުގެ ފަރިތަކުރުންތަކާއި ގުޅިފައެވެ. ނަމަވެސް މިއަދުގެ މެޗުގައި މި ދެކުޅުންތެރިން ނަށް ކުޅެވޭނެ ކަމެއް ނުވަތަ ނޫންކަމެއް އަނި ޔަގީނެއްނުވެއެވެ. ނަމަވެސް އެރިކް ޓެން ހާގުގެ އެންމެ ފަހުގެ ވާހަކަތަކަށް ބަލާއިރު، މިއަދުގެ މެޗުގައި މި ދެކުޅުންތެރިންނަށް ވެސް ކުޅެވިދާނެ ކަމުގެ އުންމީދު އެބައޮތެވެ.

ޔުނައިޓެޑު ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލްގެ ފަސް ވަނާގައެވެ.

މިރޭ ޔުނައިޓެޑާއި ދެކޮޅަށް ނިކުންނަ މެންޗެސްޓަރ ސިޓީއަށް ބަލާއިރު، ސިޓީއަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އަދި މިފަހަރުގެ ސީޒަން ސިޓީން ފެށީ ވެސް ވަރުގަދަކޮށެވެ. އެގޮތުން އެޓީމުން ލީގުގެ މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ. މި ފަހަރުގެ ސީޒަނަށް އަލަށް ސިޓީއާއި ގުޅުނު ނޯވޭ ފޯވާޑް އަކީ ސިޓީގެ އެންމެ ވަރުގަދަ ހަތިޔާރެވެ. ދިގު އިސްކޮޅެއް ހުނަން ނޯވޭއަށް އުފަން ހާލަންޑް ވެގެން ދާނީ މިއަދުގެ މެޗުގައި ޔުނައިޓެޑަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލަށެވެ.

ސިޓީން މިހާތަނަށް އައިއިރު، ކުޅުނު ހަތްމެޗުން ލިބުނު 17 ޕޮއިންޓާއި އެކު އޮތީ ތާވަލުގެ ދެވަނާގައެވެ.

މިއަދުގެ ޑާބީ މެޗަކީ މި ދެޓީމުގެ މެދުގައި ކުޅެވޭ 188 ވަނަ ޑާބީ މެޗަށެވެ. މީގެ ތެރެއިން 57 ފަހަރު މެންޗެސްޓަރ ސިޓީ ކުރި ހޯދާފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑް ވަނީ 77 ފަހަރު ކުރި ހޯދާފަ އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރި މެޗުގައި މި ދިޔަ މާޗު މަހު ސިޓީ އިން ވަނީ ޔުނައިޓެޑް 1-4 އިން ބަލިކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މި ޑާބީ މެޗު ފަށާނީ މިއަދު ރާއްޖޭ ގަޑިން ހަވީރު 6:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް