ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދ...

02 Oct 2022 | 09:13

ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމަށް އޮކްޓޯބަރ މަހުގެ 31 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުށަހެޅޭނެ އެވެ.

ކޮވިޑް-19އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ އެހީއަށް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި ކާބޯތަކެތި އުފެއްދުމާއި އަތްތެރި މަސައްކަތާއި ބިއުޓީ އަދި މޭކަޕް ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ އާއި ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އާއި ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް އަދި ކުޅިވަރު އަދި ފިޓްނަސް ގެ ދާއިރާ އިން ވެސް ހުށަހެޅޭނެ އެވެ.

މި އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކަށް 60،000 ރުފިޔާއާ ހަމައަށްވާ ފައިސާގެ އެހީއެއް ދިނުމަށް ނިންމާފައިވާއިރު، އެހީ ލިބުމުގެ ޝަރުތެއްގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުން ވަނީ ލާޒިމުކޮށްފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ހުޅުވާލާނެ އެވެ. އަދި އޭގެތެރެއިން 40 އިންސައްތަ ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

މި އެހީއަށް އެދުމަށް އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މިއަހަރުގެ ޖުލައި އެއްވަނަ ދުވަހާއި ހަމައަށް މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައިވުން ހިމެނެ އެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ ހަތަރު ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން ހިމެނެ އެވެ.

މި ޕްރޮގްރާމްގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް އާންމުކޮށްފައިވެ އެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާއިރު، ޖޮބް ސެންޓަރަށް ލިބެމުންދާ އެޕްލިކޭޝަންގެ އިވެލުއޭޝަން އަދި ހުށަހެޅުންތަކާ މެދު އަމަލު ކުރެވޭ ގޮތް އާންމުކުރަމުންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް