ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި ބިލު އިސްލާހު ކުރުމަށް ރައީސް އޮފީހަށް ފޮނުވައިފި

ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި ބިލު އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ. ހެއްކާ ބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ...

02 Oct 2022 | 06:12

ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި ބިލު އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

ހެއްކާ ބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލް އެޓަރނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އޭޖީ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހާތައް ގެނައުމަށް ކަމަށެވެ.

ހެއްކާ ބެހޭ ގާނޫނުގެ މަސްދަރު ހާމަކުރާ މާއްދާއަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވަނީ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަކޮށްދިނުމަށެވެ. އަދި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަން ޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހިމެނެ އެވެ.

މަސްދަރު ހާމަކުރަން ޖެހޭގޮތަށް ހެއްކާބެހޭ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް އެ ބިލް ތަސްދީގުކުރައްވާފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.

ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތުން، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް