އެމެރިކާގެ ފްލޮރިޑާއަށް މިދިޔަ ބުދަ ދުވަހު އެރި ހެރިކޭން އިއާންގައި މަރުވި މީހުންގެ އަދަދު24 އަށް އަރައިފި އެވެ.
މިހާތަނަށް އެމެރިކާއަށް އެރި އެންމެ ބާރުގަދަ ތޫފާނުތަކުގެ ތެރޭގައި ހިމެނޭ އެ ތޫފާން ފްލޮރިޑާގެ އައްސޭރިފަށުން އެ ސްޓޭޓަށް އެރި އިރު150 މޭލު ބާރު މިނުގައި ވައި ޖެހެ އެވެ. އޭގެ ސަބަބުން 12 ފޫޓަށް ރާޅު ބާނިތައް އުސްވެފައިވާއިރު ގަސްތައް ވެއްޓި ގޭގޭގެ ފުރާޅުތައް ވިއްސައިގެން ގޮސް އެ ސްޓޭޓް ގެ ބޮޑު ސަރަހައްދެއް ވަނީ ކުނި ގޮނޑަކަށް ބަދަލުވެފައި އެވެ.
އަދި އުދަ އެރުމާއި އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހުރިހާ ސަރަހައްދެއްގައިހެން ވަނީ ފެން ބޮޑުވެފައި އެވެ.
ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމަށް ފްލޮރިޑާގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާ ކަމުގައި ފްލޮރިޑާގެ މެޑިކަލް އެގްޒެމިނަރގެ އޮފީހުން ބުނެފައި ވީ ނަމަވެސް، އެމެރިކާގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އެ އަދަދު ތިން ގުނައަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
މި ތޫފާނުގެ ސަބަބުން ފްލޮރިޑާގެ އިރުދެކުނު ކަނޑުގެ ސަރަޙައްދުގައި ބޯޓެއް ފެތުމުގެ ސަބަބުން ގެއްލުނު 16 މީހަކު ހޯދުމަށް އެމެރިކާގެ ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ. ބޯޓުގައި ދަތުރު ކުރި ދެ މީހެއްގެ މަރުވެފައިވާ ހަށިގަނޑު މިހާރު ފެނިފައިވާ އިރު، ނުވަ މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. އިތުރު ދެ މީހަކު ވަނީ ފަތާފައި ފްލޮރިޑާއަށް އަރާފައެވެ.
މި ތޫފާން އެރުމާއި އެކު އެ ސްޓޭޓްގެ2.6 މިލިއަން މީހުން24 ގަޑިއިރަށްވުރެ ގިނަ އިރު ކަނު އަނދިރީގައި ތިބެން ޖެހުނެވެ. ރިޕޯޓުތައް ބުނާގޮތުގައި އަދިވެސް1.2 މިލިއަން މީހުންނަށް ކަރަންޓުގެ ހިދުމަތް ނުލިބެ އެވެ.
ފްލޮރިޑާއަށް އެރުމަށްފަހު ތޫފާން އިއަން ވަނީ އެޓްލާންޓިކް ކަނޑުގެ ސަރަޙައްދަށް އަރާފައެވެ. އަދި، އެއަށްފަހު އަނެއްކާ ވެސް އެމެރިކާގެ ދެކުނު ކެރޮލައިނާއަށް މި ތޫފާން އެރިއެވެ. ނަމަވެސް، އެއިރު ތޫފާނުގެ ބާރު ވަނީ ކެނޑިފައެވެ.
މި ތޫފާނާ އެކު ޖެހުނު ބާރު ވައިގެ ސަބަބުން ފްލޮރިޑާއަށް ލިބުނު ގެއްލުމުގެ އަގު 32 ބިލިޔަން ޑޮލަރަށް އަރާނެ ކަމުގައި ދިރާސާ ކުރާ ކުންފުންޏެއް ކަމުގައިވާ ކޯލޮޖިޖްއިން ބުނެއެވެ. އަދި، ފެންބޮޑުވެގެން ލިބުނު ގެއްލުމުގެ އަގު 15 ބިލިޔަން ޑޮލަރަށް އަރާނެ ކަމުގައި ވެސް އެ ކުންފުނިން އަންދާޒާ ކުރެއެވެ.
އިއަންއަކީ، 1992ވަނަ އަހަރު ފްލޮރިޑާއަށް އެރި ތޫފާން އެންޑްރޫއަށް ފަހު އެންމެ ބޮޑު ގެއްލުމެއް ދިން ތޫފާން ކަމުގައި އެ ކުންފުނިން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް