ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާއި ހަމައިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިޔާގެ ވިޔަފާރިވެރިއެއްކަމުގައިވާ އިއަވިލް ކިއަސެފްގެ ސުޕަ ޔޮޓެއް ރާއްޖޭގައި ބާއްވައިގެން ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާގޮތުގައި ޔޮޓް ވިއްކާ ބްރޯކަރޭޖް ކުންފުންޏަކުން އެ ކުންޏަށް ވަރަށް އިތުބާރު ހިފޭ ކަސްޓަމަރުންތަކަކަށް މި ޔޮޓު ވިއްކާލުމާއިގުޅޭ އީމެއިލްއެއް ވަނީ ފޮނުވާފައެވެ. އަދި އެ އީމެއިލްގެ ކޮޕީއެއް މިހާރު ރޮއިޓާސް އަށް ލިބިފައިވާކަމަށް ބުނެފައިވެއެވެ.
ރޮއިޓާސް އަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް ރިޕޯޓްކޮށްފައިވާގޮތުގައި ވިއްކާލަން މަސައްކަތްކުރަނީ "މައި ސްކައި" ނަމަކަށް ކިޔާ ސުޕަރ ޔޮޓެކެވެ. އެ ޔޮޓުގެ މިހާރުގެވެސް ވެރިއަކީ ކިއަސެފްކަމެއް ނުވަތަ ނޫންކަމެއް ރޮއިޓާސް އަކަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ނަމަވެސް ކިއަސެފް ހިމެނޭހެން މިފަދަ މަހުޖަނުންނާއިމެދު އީޔޫ އާއި ޔޫކޭއިން ފިޔަވަޅު އަޅައި އެމީހުންގެ އެސެޓްތައް އަތުލައި އެސެޓްތައް ފްރީޒްކުރަން ފެށުމުން ޔޮޓް ފަދަ ތަކެތި ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށްޓަކައި މިފަދަ ބައެއް ޔޮޓްތައް ރާއްޖެ އަދި ސީޝެލްސްގައި ބަނދަރުކޮށްފައިވާކަމަށް މީގެ ކުރިންވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
"މައި ސްކައި" ނަމަކަށްކިޔާ މި ސުޕަރ ޔޮޓް ވިއްކާލަން މަސައްކަތްކުރަނީ ގާތްގަނޑަކަށް 29 މިލިޔަން ޑޮލަރަށެވެ. ވިއްކާލުމާ ހަވާލުވެގެން އުޅެނީ "ދި މަރލެ ވުޑް އެޑް" ނަމަކަށްކިޔާ އެމެރިކާއަށް ނިސްބަތްވާ ކުންފުންޏަކުންނެވެ. އެ ކުންފުނިން އެ ކުންފުނީގެ ވަކި ހާއްސަ ކްލައިންޓުންތަކަކަށް ފޮނުވި މެއިލްގައިވާގޮތުން އެ ޔޮޓް އޮތީ ރާއްޖޭގައެވެ.
ރޮއިޓާސްގައި ރިޕޯޓްކޮށްފައިވާގޮތުގައި މިކަމާއި ގުޅޭގޮތުން ރާއްޖޭގެ ރަސްމީ ބަހެއް ހޯދަންވެސް ރޮއިޓާސްއިން މަސައްކަތްކުރިއެވެ. ނަމަވެސް ރާއްޖޭގެ ކަމާބެހޭ އިދާރާއަކުން މިކަމަށް ކޮމެންޓެއް ނުލިބުނުކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް