ރައްޔިތުންގެ މަޖިލީހުން ބޭރުގައި އުޅޭއިރު މެމްބަރުންނަށް ހަގީގީ މާނައިގައި އިމްތިޔާޒު ނުލިބޭތީ އެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މެމްބަރުން ވިދާޅުވާ ގޮތުގައި ގާނޫނުގައި ލިއެފައި އޮންނަ "އިއްޒަތްތެރި" ކަމުގެ އިހްސާސް ބޭރު ތެރޭގައި ކުޑަކޮށް ވެސް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަޖައްސާފައިވާ އެއާޕޯޓު ވީއައިޕީ ހިދުމަތުގެ ތެރޭގައި ރައްޓެހިން ހިމެނުމުގެ ނިންމުން ތަންފީޒު ނުކުރަން ނިންމާފައި ވަނިކޮށް، އިމްތިޔާޒު ނުލިބޭ ކަމުގެ ބަހުސް މިއަދު ހޫނުވީ މެމްބަރުން "ނިކަމެތިކުރަމުންދާ" ކަމުގެ ތުހުމަތު އެމްޑީޕީގެ ދެ މެމްބަރަކު ކުރެއްވުމުންނެވެ. އެ ދެ މެމްބަރުންގެ ހިތްހަމަނުޖެހުމަކަށް ވީ އަމިއްލަ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމު ރޭ ކުޅުނު މެޗު ބަލަން ދަނޑުގެ ރެސްޓްރޮމް އިން ޖާގަ ނުލިބުމެވެ.
އިއްޒަތްތެރިކަން ނުލިބޭ ނަމަ އިއްޒަތްތެރި މެމްބަރު ކިއުމުގެ ބަދަލުގައި ނިކަމެތި މެމްބަރު ކިއުން ރަނގަޅުވާނެ. އޭރުން ރައްޔިތުން އަދި މާ އުފާވާނެ،" މެސެޖެއްގައިވެ އެވެ.
އިމްތިޔާޒުގެ ވާހަކަ މެމްބަރުން ފެއްޓެވުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާއްމު ކޮމިޓީގެ ނިންމުން ތަންފީޒުކުރައްވަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ، މި މަޖިލީހުން ލިމިޓްކޮށްފައި އޮތް ވީއައިޕީގެ ހިދުމަތަށް މެމްބަރުންގެ ރައްޓެހިން އިތުރުކުރަން އާއްމު ކޮމިޓީގެ ނިންމުމެވެ.
ނަޝީދު ވިދާޅުވި ގޮތުގައި "އިމްތިޔާޒާއި އިއްޒަތް" އެއީ ރައްޔިތުން ދޭ އެއްޗެކެވެ. މެމްބަރުން "ބޮޑޭ ހެދެން އުޅޭވަރުން" ހިތްހަމަނުޖެހުން އެބައޮތް ކަމަށާއި ދާއިރާތަކުގެ ރައްޔިތުންގެ ފަރާތުން އިހްތިރާމް ނުލިބެނީ މެމްބަރުން އުޅުއްވާ ގޮތުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ކުރީ ސަފުން ޖާގަ ދެއްވައި މެމްބަރުން އުޅުއްވަން ޖެހިވަޑައިގަންނަވާނީ އަބަދުވެސް އެންމެ ފަހަތުގައި ކަމަށެވެ. ކިޔޫތަކުގައި ވެސް މެމްބަރުން އެގޮތަށް އަމަލުކުރެއްވަން އެދިވަޑައިގެން މިސާލެއް ދެއްކެވުމުގެ ގޮތުން މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމް ގެންގުޅުއްވަނީ އެ ރީތި އާދަ ކަމަށް ވިދާޅުވި އެވެ.
ގާސިމް އަރިހުގައި ތަންތަނަށް ވަޑައިގެންނެވިއިރު އެހެން މީހުންނަށް މާ ބޮޑަށް ބައްލަވާ ކަމަށާއި އެއީ ގާސިމަށް ގަދަރުކުރައްވާ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިއަދުގެ ތަހުޒީބު މުޖުތަމައުތަކުގައި 'ޕްރިވިލެޖް' މި ބަހަކީ އެންމެ ހުތުރު ބަސް،" އެއް މެސެޖުގައި ނަޝީދު ވިދާޅުވި އެވެ.
މެމްބަރުންނަށް ގާނޫނީ ގޮތުން އިމްތިޔާޒް ހަމަޖައްސަން ޖެހުނީ، ނަޝީދު ވިދާޅުވި ގޮތުގައި، ޖަލަށް ލާ ތީ އެވެ. އިނގިރޭސި ވިލާތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ފެންނާނީ ކިއޫގެ ފަހަތުގައި ތިބުން ފަދަ ރީތި އަހުލާގު ކަމަށް ވިދާޅުވި އެވެ.
މެމްބަރުން ނިކަމެތި ކުރާ ކަމުގެ ތުހުމަތު ކުރެއްވުމުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) އެދިވަޑައިގަތީ އެއީ ކޮންބައެއްތޯ ސާފުކޮށްދެއްވާށެވެ.
"ނިކަމެތި ކުރަނީ މަޖިލީހުގެ އިދާރާ އިން،" ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް