ޒީ ޓީވީގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ޖޯދާ އަކްބަރު" ން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި މަނީޝާ ޔާދަވް (ސާލިމާ ބޭގަމް) މަރުވެއްޖެ އެވެ.
އުމުރުން 29 އަހަރުގައި މަނީޝާ މަރުވީ އިއްޔެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރުވީ ސިކުނޑިއަށް ސްޓްރޯކެއް ޖެހިގެންނެވެ.
އެކަން އަދި ކަށަވަރުވެފައި ނުވާއިރު މަނީޝާ މަރުވިކަން ހާމަކުރީ "ޖޯދާ އަކްބަރު" ގައި އޭނާ އާއި އެކު މަސައްކަތް ކުރި ބަތަލާއެއް ކަމަށްވާ ޕަރީދީ ޝަރުމާއެވެ.
އޭނާ ބުނީ މަނީޝާ މަރުވިކަން އެނގުނީ އެ ސިލްސިލާ ކުޅުނު މީހުން ތިބޭ ވަޓްސްއެޕް ގްރޫޕަކުން ކަމަށެވެ. އެ ގްރޫޕުގައި އެ މައުލޫމާތު ހިއްސާ ކުރި މީހެއް ނުބުނެ އެވެ.
ޕަރީދީ ބުނީ އޭނާ އެންމެ ކަންބޮޑުވަނީ މަނީޝާގެ މަރާއެކު އޭނާގެ އަހަރުވީ ކުޑަކުއްޖާއަށް ވާނެ ގޮތް ހިތަށް އަރާފަ އެވެ. މަނީޝާގެ ފިރިހެން ދަރިފުޅަށް އެއް އަހަރުވީ އުފަންދުވަސް ފާހަގަކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ.
މަނީޝާގެ ފިރިމީހާ އާއި އާއިލާ އާއި ގުޅޭ މާގިނަ މައުލޫމާތެއް ނޭނގެ އެވެ. އޭނާ އަކީ އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ބަތަލާއެކެވެ.
މަނީޝާ އާންމުންގެ މެދުގައި އެންމެ މަގުބޫލުވެ، އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވީ 2012 ވަނަ އަހަރު ރިލީޒް ކުރި ތަމަޅަ ފިލްމަކުންނެވެ.
މަނީޝާ ކުއްލިގޮތަކަށް މަރުވެފައިވާއިރު މިދިޔަ މަހު ވަނީ އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ސިދާތް ޝުކްލާވެސް ކުއްލި ގޮތަކަށް މަރުވެފަ އެވެ. އޭނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް